މިއަދުން ފެށިގެން މީޓަރުތަކުން ރީޑިން ނަގަން ސްޓެލްކޯ މުވައްޒަފުން ގޭގެއަށް ދާ ގޮތަށް ނިންމައިފިއެވެ.

ސްޓެލްކޯ އިން ބުނީ މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި އެ ކުންފުނީގެ ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށަޓަކައި، ފާއިތުވި ދެ މަހުވެސް ބިލް ހަދާފައި ވަނީ އެ ކުންފުނީގެ ވެބްޕޯޓަލް މެދުވެރިކޮށް ލިބެމުން އައި މީޓަރުގެ ފޮޓޯތަކަށް ކަމަށެވެ. ނަމަވެސް، ވެބް ޕޯޓަލް މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވުމުގައި ކަސްޓަމަރުންނަށް ދަތިތަކެއް ހުރިކަން ފަހަގަވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ބުނީ ފާއިތުވި ދެ މަހުވެސް ގިނަ މީޓަރުތަކެއްގެ ފޮޓޯ ނުލިބިހުރުމުން ފޮޓޯ ނުލިބޭ މީޓަރުތަކަށް އެ ކުންފުނިން ބިލްހަދާފައި ވަނީ ފާއިތުވެދިޔަ މަސްތަކުގައި ކަރަންޓު ބޭނުންކުރައްވާފައިވާ މިންވަރަށް ބަލައި އެވްރެޖަށް ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން ލޮކްޑައުނަށް ލުއިތަކެއް ދީފައިވާތީ، މިހިނގާ ޖޫން މަހުގެ ބިލް ހެދުމަށްޓަކައި ކުރިންވެސް އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ގޭގެއަށް ގޮސް މީޓަރުތަކުގެ ރީޑިން ނަގަން ނިންމާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އެގޮތުން މިއަދުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުން ގޭގެއަށް ގޮސް ރީޑިން ނަގަމުންގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ނަމަވެސް، މިހާލަތުގައިވެސް ކަސްޓަމަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް، ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭތީ، މިހާލަތާ ގުޅިގެން ވަދެނުކުމެ ވުމުގައި ދަތި ތަންތަނަށް ބިލްހަދަމުންދާނީ ވެބްޕޯޓަލް މެދުވެރިކޮށް ލިބޭ ފޮޓޯއަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ ފޮޓޯ ނުލިބޭ ތަންތަނަށް ކުރީގެ މަސްތަކުގެ އެވްރެޖަށް ބިލް ހަދަމުން ގެންދާއިރު ފޮޓޯ ފޮނުވަން ޖެހޭ ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގަމުން ގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ، ރީޑިން ނަގަން ފެށުމާއެކު، ކުރިންވެސް އިއުލާންކޮށްފައިވާ ގޮތައް އެވްރެޖްބިލް ފޮނުވާފައިވާ ކަސްޓަމަރުންގެ ބިލްތަކަށް ގެންނަންޖެހޭ އެޖަސްޓްމަންޓް ނުވަތަ ބަދަލުތައް ގެންނަމުން ގެންދާނެ ކަމަށެވެ.