ކޮވިޑް-19 އާ ގުޅިގެން އެހީވުމަށް ޗައިނާއިން ފޯރުކޮށްދިން ސިއްހީ ސާމާނުގެ ތިން ވަނަ ބެޗް ރާއްޖެ ގެނެސްފިއެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ރާއްޖެ ގެނެސްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ 5،000 ފޭސް މާސްކާއި، 5،000 ސާޖިކަލް މާސްކު، 5،000 ޑިސްޕޯސަބަލް ކަވަރޯލްގެ އިތުރުން 5،000 މެޑިކަލް ގޮގުލްސްއެވެ.

އަދި މިއީ މިއީ ޗައިނާ އިން ރާއްޖެ އަށް ހަދިޔާކުރި ސިއްހީ ސާމާނުގެ ތިންވަނަ ބެޗް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ޗައިނާއިން ދީފައިވާ އިތުރު އެހީގެ ސާމާނު ރާއްޖެ ގެނެސްފައި ވާއިރު، ރާއްޖޭގެ ދަރަނި އަދާކުރުން ފަސްކޮށް ދޭން ޗައިނާއިން ވިސްނާކަމަށްވެސް ޗައިނާ އިން ވަނީ ބުނެފައެވެ.

ކޮވިޑް19 އާއި ގުޅިގެން ޗައިނާގެ އެކި ކުންފުނިތަކުން އަންނަނީ ރާއްޖެ އަށް ގިނަ އެހީތެރިކަމެއް ފޯރުކޮށް ދެމުންނެވެ. އެގޮތުން ހުޅުމާލޭގައި ގާއިމް ކުރަމުން އަންނަ ކަރަންޓީން ފެސިލިޓީތަކަށް ވެސް ޗައިނާގެ އެކި ކުންފުނިތަކުން އަންނަނީ އަމަލީ ގޮތުންނާއި މާލީ ގޮތުންވެސް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.