ކޮރޯނާ ވައިރަސް ޑިޒީސް (ކޮވިޑް-19) ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއެކު ފެތުރިގަތުމާއެކު މި ބަލި ކޮންޓްރޯލް ކުރުމަށް އެންމެ ރަގަނޅު ގޮތަކީ ބޯޑަރު ބަންދު ކުރުން ކަމަށް ގިނަ ގައުމުތަކަށް ފެނިގެން ދިޔައެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ބަންދުކުރީ އިތުރު ގޮތެއް ނެތިގެންނޭވެސް ބުނެވިދާނެއެވެ. މާޗް 27 ވަނަ ދުވަހު އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލާފައިވާއިރު މާޗް 7 ވަނަ ދުވަހު ރާއްޖެއިން ވަނީ ބަލި ފެނިފައެވެ.

ބޯޑަރާއެކު ރާއްޖޭގެ އިގްތިސޯދުގެ މައި ލޭނާރު ކަމުގައިވާ ފަތުރުވެރިކަން ވެސް ދިޔައީ ބަންދުވެގެންނެވެ.

ނަމަވެސް ރާއްޖެއިން ކޮވިޑް-19ގެ ނުރައްކާ ކުޑަވެ، ރާއްޖެ އަލުން ހުޅުވާލާނީ އާ އަޒުމަކާއެކު މަންޒިލުގެ ރައްކާތެރިކަމުގެ އިތުބާރު ދެމުން ކަމަށް ފަތުރުވެރިންނަށް ދަނީ ބުނެދެމުންނެވެ. އެގޮތުން އަންނަ މަހު ރިސޯޓްތައް ހުޅުވާލަން ނިންމާފައި ވާއިރު، ޓޫރިޒަމް މިނިސްޓްރީން ދަނީ ރާއްޖެ ޕްރޮމޯޓް ކުރުމުގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ.

ރާއްޖެ ޕްރޮމޯޓް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ތައްޔާރު ކުރި ފުރަތަމަ ވީޑީއޯ އާންމު ކުރީ މިދިޔަ ހޯމަ ދުވަހެވެ. 1970 ވަނަ އަހަރު ޓޫރިޒަމް ފެށިގެން އައި ކަމަށާއި، ކުޑަ މަޑޫޖެހުމަކަށް ފަހު އަލުން ހުޅުވާނެ ކަމަށް ބުނާ އެ ވީޑިއޯ ކުޅުއްވާފައި ވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދައްކާލާ އެ ވީޑިއޯގައި ބުނަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަކީ އެންމެ ހިތްގައިމު މަންޒިލް ކަމަށެވެ.

ފުރަތަމަ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައި ވާއިރު އެ ވީޑިއޯއަށް ވަނީ ޓްވިޓާއާއި ފޭސްބްކް އިން 1.3 މިލިއަން ވިއު ލިބިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ދެވަނަ ވީޑިއޯ މިއަދު އާންމުކޮށްފައި ވާއިރު، އެ ވީޑިއޯގައި ދައްކާލަނީ ބޭރުގެ ފުޓްބޯޅަ ކުޅުންތެރިން "ދަ ސަން ވިލް ޝައިން އަަގެއިން" އޭ ބުނާ މަންޒަރެވެ.

އަދި އެއާއެކު ރާއްޖެ އަންނަ ފަތުރުވެރިން ކަރަންޓީނު ނުކުރަނެ ކަމަށާއި، އަލުން ހުޅުވާލާ އިރު އިތުރު ޝަރުތުތަކެއް ނޯންނަ އިރު، އިތުރު ހޭދަތަކެއް ކުރަން ނުޖެހޭނެ ކަމަށް ވެސް އެ ވީޑިއޯގައި ބުނެއެވެ.

މީގެ ކުރިން މިނިސްޓަރު އަލީ ވަހީދު ހާމަކުރައްވާފައި ވާ ގޮތުގައި ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައި ވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުންނެވެ. އަދި މަދުވެގެން 14 ދުވަހުގެ ވިސާއެއް އޮންނަން ޖެހޭނެ ކަމަށްވެސް ކުރިން އާންމުވި ލިޔެކިޔުންތަކުގައި ބުނެފައި އޮތެވެ.

އަދި ފަތުވެރިންނަށް އެއްވެސް ޝަތުރެއް ނެތް ކަމަށް އާ ވީޑިއޯގައި ބުނާ އިރު އެކަން ސަރުކާރުން މިހާތަނަށް ހާމަ ކޮށްފައެއްވެސް ނުވެއެވެ.