އެމްޓީސީސީން ދިން ހިދުމަތްތަކަކާ ގުޅިގެން ޑީއާރްޕީން 1.1 މިލިއަން ރުފިޔާ ދޭން ހުކުމް ކޮށްފައިވާ މައްސަލައެއް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވެސް ބޭރުކޮށްލައިފިއެވެ.
މި މައްސަލައިގައި ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ޑީއާރްޕީން ހުށަހެޅި ނުކުތާތަކަށް ބެލުމަށްފަހު ސުޕްރީމް ކޯޓުން ނިންމީ މި މައްސަލަ އެ ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުއްދަ ދެވެން ނެތް ކަމަށެވެ. މިފަދައިން ނިންމީ، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އެމްޓީސީސީން ޑީއާރްޕީއަށް ދިން ހިދުމަތްތަކެއްގެ އަގުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށް އެމްޓީސީސީން ވަނީ މީގެ ކުރިން ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ. މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ 6 މަސް ދުވަހުގެ ތެރޭގައި ޑީއާރްޕީން އެމްޓީސީސީއަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސް ކުރުމަށެވެ.
ސިވިލް ކޯޓުން އެމްޓީސީސީއާ އެއްކޮޅަށް މައްސަލަ ނިންމުމުން ޑީއާރްޕީން ވަނީ ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ވެސް ހުށަހަޅާފައެވެ. ހައި ކޯޓުން ވެސް މައްސަލަ ނިންމީ ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކޮށް އެމްޓީސީސީއާ އެއްކޮޅަށެވެ.
ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ޑީއާރްޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވާއިރު ޑީއާރްޕީގެ ފަރާތުން ހުށަހެޅީ އިސްތިއުނާފީ އެއް ނުކުތާއެވެ. އެގޮތުން ޑީއާރްޕީން ބުނީ އެ ޕާޓީގެ ނަމުގައި ބަޔަކު އެމްޓީސީސީން ހިދުމަތް ހޯދާފައިވާ ނަމަ އެއީ އެޕާޓީން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެ ޕާޓީން ބުނީ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެމްޓީސީސީން ހިދުމަތް ދީފައިވަނީ ޑީއާރްޕީއަށް ކަން އެނގެން ނެތް ކަމަށާއި ސިވިލް ކޯޓުން ހުކުމް ކުރީ، އެކަމަށް ރިއާޔަތް ނުކޮށް ކަމަށް ޑީއާރްޕީން ބުނެއެވެ.
މި މައްސަލާގައި ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔަކީ ޑީއާރްޕީން ހުށަހެޅި ނުކުތާއަށް ބާރުދޭ އެއްވެސް ގާނޫނީ އަސާސެއް ނެތް ކަމަށެވެ. އެ ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ތާއިދު ކުރައްވާފައެވެ.