ތަހުގީގު ކުރަމުންދާ ގިނަ މައްސަލަތަކާ ގުޅިގެން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑު ކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މައުސޫމާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަމުން އަންނަނީ އޭނާ ފާޅުގައި ރިޝްވަތު ނަގާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޕޯސްޓްތަކާ ގުޅޭ މައްސަލައަކާއި ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ އިތުރުން އެހެނިހެން މައްސަލަތަކެއް ކަމަށެވެ.

މައުސޫމާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގެ ތަހުގީގު ކޮށްފައިވާ ހިސާބަށް ރިއާޔަތްކޮށް ތަހުގީގު ކޮމިޓީން މައްސަލަ ބަލައި ވަކިގޮތެއް ކަނޑައަޅަންދެން، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) ގެ ދަށުން ވަޒީފާއަށް ނުނިކުމެ 60 ދުވަހުގެ މުއްދަތަށް މަޑުކުރުމަށް މައުސޫމަށް އެންގުމަށް މިއަދު ކޮމިޝަނުގެ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ޖޭއެސްސީން މިއަދު އެ ޝަރިއަތް ކުރިއަށް ގެންގޮސްފައި ވަނީ ވީޑިއޯކޯލް މަދުވެރިކޮށެވެ. އެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ 8 މެންބަރުން ބައިވެރިވި ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ފަނޑިޔާރުންގެ ރަފާތު މައްސަލަ ބަލާ، ބައެއް މައްސަލަތަކުގައި ބައެއް ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ބައެއް ފަނޑިޔާރުން ވަނީ މަގާމުން ވެސް ވަކިކޮށްފައެވެ.