މާބަނޑު މީހުން ބެލުމަށް ހދ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން އެ އަތޮޅުގެ ހުރިހާ ރަށްތަކަށް ދާ ގޮތަށް ނިންމައިފިއެވެ.

ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖާ ހެލްތު ސާވިސަސް އަހްމަދު ދާއޫދު ވިދާޅުވީ ހދ އަތޮޅުގެ ރައްޔިތުންނަށް ލޮކްޑައުންގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ވާތީ އާއި ފެރީ ދަތުރުތައް ނުފަށާތީ އެ އަތޮޅުގެ ހުރިހާ ރަށަކަށް ގައިނިކޮލޮޖިސްޓުން ހިމެނޭ ގޮތަށް އައުޓްރީޗު ޕްރޮގުރާމެއް ފަށަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ދާން ހަމަޖެހިފައިވާ ރަށްތަކާއި ދާން ހަމަޖެހިފައިވާ ތާރީހް:

  1. 13 ވަނަ ދުވަސް: މަކުނުދޫ
  2. 14 ވަނަ ދުވަސް: ފިނޭ، ހިރިމަރަދޫ، ނޮޅިވަރަންފަރު
  3. 16 ވަނަ ދުވަސް: ނައިވައިދޫ، ކުރިނބި، ނެއްލައިދޫ
  4. 21 ވަނަ ދުވަސް: ނޮޅިވަރަމް
  5. 24 ވަނަ ދުވަސް: ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ
  6. 28 ވަނަ ދުވަސް: ހަނިމާދޫ

ކުޅުދުއްފުށި ނުލައި އަތޮޅު ތެރޭގައި މި ވަގުތު މާބަނޑު 91 މީހުން އެބަ ތިބި ކަމަށް ރިކޯޑްތައް ދައްކައެވެ. އެއީ މަކުނުދޫން 14 މީހުން، ފިނޭ 4، ހިރިމަރަދޫ 2، ނޮޅިވަރަންފަރު 16، ނައިވައިދޫ 4 ، ކުރިނބި 6، ނެއްލައިދޫ 7، ނޮޅިވަރަމް 7، ކުމުންދޫ 8، ނޭކުރެންދޫ 5، ވައިކަރަދޫ 2، ހަނިމާދޫ 16 އަންހެނުނެވެ.

އެ ޕްރޮގަރާމްގެ ދަތުރުތަކުގައި ގައިނޮކޮލޮޖިސްޓުގެ އިތުރުން އެ ރަށަކުން އެދިފައިވާ ސްޕެޝަލިސްޓްވެސް ހިމަނާފައި ވާނެ ކަމަށް ދާއޫދު ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ޕްލޭން ކުރަނީ އެންމެ ދުރުން މަކުނުދޫއިން ފަށަން ކަމަށެވެ. އަމާޒަކީ ޕޯޓަބަލް ސްކޭން މެޝިންއަކާއެކު ސްކޭން ވެސް ކުރެވޭނޭހެން އެ ދަތުރުތައް ރޭވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.