ހައިރިސްކް ދަރިވަރުންގެ މައުލޫމާތު ހޯދުމަށްފަހު އަންނަ ޖުލައި މަހު ސްކޫލްތައް ހުޅުވައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަރިވަރުން ގެންގޮސްގެން ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ކަން ހާމަވެއްޖެއެވެ.

ސްކޫލްތައް ހުޅުވައިގެން ކިޔަވައި ދިނުން ފެށުމައްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް އެޑިއުކޭޝަންގެ ފަރާތުން އަންނަނީ ކުރަމުންނެވެ. އެ ގޮތުން މިދިޔަ ރޯދަމަހުގެ ފަހުކޮޅުން ފެށިގެން ގިނަ ސްކޫލަތަކުގެ ގްރޭޑް 7 އިން ފެށިގެން 12 އާ ދެމެދުގެ ދަރިވަރުންގެ ތެރެއިން ރިސްކް ހައި ދަރިވަރުންގެ މައުލޫމާތު އެއްކުރަން ވަނީ ފަށާފައެވެ. އެގޮތުން ތެލެސީމިއާ، ހަކުރު ބަލި، އެސްތަމާ، ކިޑްނީ، ލިވާ، ހިތުގެ ބަލި އަދި ދިފާއީ ނިޒާމްގެ ބަލިތައް ހުންނަ ކުދިން ދެނެގަތުމަށް ސްކޫލަތްކުން އަންނަނީ ދަރިވަރުންގެ މައުލޫމާތު ފޯމެއް ފުރަމުންނެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ލޮކްޑައުނަށް ލުއިތައް ދޭން ފަށާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ދެ މަރުހަލާއަކަށް ބަހާލައިގެން ލުއިތައް ދިނުމަށް ނިންމާފައި ވެއެވެ. ފުރަތަމަ މަރުހަލާ ދެބައިވުމާ ގާތްވެފައިވީ ނަމަވެސް އެ މަރުހަލާގައި ސްކޫލްތައް ހުޅުވަން ނިންމާފައި ނުވާކަން ވަނީ ހާމަވެފައެވެ.

ސްކޫލް ކުދިން ކްލާހެއްގައި ކިޔަވަނީ ފޮޓޯ: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަންނަ ޖުލައި މަހު ލޮކްޑައުނަށް ދިނުމަށް ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ސްކޫލަތައް ހުޅުވުމަށް ނިންމާފައިވާ ކަން ވަނީ އެނގިފައެވެ. ސްކޫލުތައް ފުރަތަމަ ހުޅުވާލާއިރު ކިޔައިވައި ދިނުމަށް ހަމަޖެހިފައި ވަނީ ކީސްޓޭޖް 4 އަދި 5 (ގްރޭޑް 9 އިން 12)ގެ ދަރިވަރުންނަށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ގްރޭޑް 9 އިން 12 އާ ދެމެދުގެ ދަރިވަރުން ޖުލައި މަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން ސްކޫލަށް ގެންދިއުމަށް ނިންމާފައި ވާ އިރު ގްރޭޑް 7 އަދި 8 ގެ ދަރިވަރުން ސްކޫލަށް ގެންދިއުމަށް ނިންމާފައި ވަނީ ޖުލައި މަހުގެ މެދުތެރެއިން ފެށިގެންނެވެ.

އަންނަ ޖުލައި މަހުގެ ތެރޭގައި ގްރޭޑް 1 އިން 6 އަކާ ދެމެދުގެ ދަރިވަރުން ގެންދިއުމަށް ނިންމާފައެއް ނުވެއެވެ. އެހެން ކަމުން އެ ކުދިން ކިޔަވަމުން ދާނީ މިހާރުވެސް ކިގަވަމުންދާ ގޮތަށް ޓެލިކިލާސް ނުވަތަ އޮންލައިން ކޮށެވެ. އަދި އެ ކުދިން ސްކޫލަށް ގެންދަން ފަށާނީ އަންނަ އޮގަސްޓްމަހުން ފެށިގެންނެވެ.

ކޮންމެ ސެޝަނެއްގައި އަދި ކްލާހެއްގައިވެސް މަދު ދަރިވަރުންތަކެއް ބައިވެރިކޮށްގެން ސްކޫލުގައި ކިޔަވައިދިނުމަށް ނިންމާފައި ވާ އިރު ސްކޫލްގެ ހުރިހާ ސްޓާފުންނާއި ދަރިވަރުން ތިބެން ޖެހެނީ މާސްކް އަޅައިގެން ކަމަށް ވެއެވެ. ސްކޫލަށް ވަނުމުގެ ކުރިން ކޮންމެ ދަރިވަރަކު ސްކްރީން ކުރުމަށް ނިންމާފައި ވާއިރު، ސްކޫލުގައި އެސެމްބްލީއާއި އިތުރު ހަރަކާތްތައް ކުރިއަށް ނުގެން ދެވޭނެ ކަމަށް ވެއެވެ.

ހަމައެއާއެކު ސްކޫލްތަކުގައި އަމަލު ކުރަންޖެހޭ ގޮތުގެ އެސްއޯޕީތަކެއްވެސް ހެދިފައި ހުންނާނެ ކަމަށާއި ދަރިވަރުންގެ ތެރެއިން ރިސްކް ހައި ދަރިވަރުން ފާހަގަކޮށް އެ ކުދިންނާމެދު އަމަލުކުރަން ޖެހޭ ގޮތްވެސް އެ އެސްއޯޕީތަކުގައި ހުންނާނެ ކަމަށް ވެއެވެ. އަދި ސްކޫލަށް ހާޒިރު ނުވެވޭ ދަރިވަރުންނަށް އޮންލައިން ކޮށް ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވެއެެވެ.

ސްކޫލުގައި އަމަލު ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ފިޒިކަލް ޑިސްޓަންސް ބެހެއްޓުމާއި އަތް ދޮވުމާއި މާސްކް އެޅުމަކީ މުހިއްމު ކަންކަން ކަމުގައި ހިމެނެއެވެ. މީގެ އިތުރުން ސްކޫލްގެ ކޮންމެ ސެޝަނެއް ނިމުމުން ހުރިހާ ކްލާސްރޫމްތަކާއި ގަވާއިދުން ކުދިން ބޭނުންކުރާ ސަރަހައްދުތައް ޑިސްއިންފެކްޓް ކުރުމަށްވެސް ވެއެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ސްކޫލް ދަރިވަރުންނާއެކި / ފޮޓޯ: އެޑިއުކޭޝަން

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެފައި ވަނީ، ސްކޫލްތައް ހުޅުވުމުގެ ލަފާ ހޯއްދަވަމުން ގެންދަވަނީ ޓެގް ޓީމާއި އެޗްޕީއޭގެ ފަރާތުން ކަމަށާއި އަދި މިހާރު ސްކޫލްތައް ހުޅުވުމަށް އެފަރާތުން އެދިއްޖެ ކަމަށް ވާނަމަ ސްކޫލްތައް ހުޅުވައިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ. އަދި އެފަދަ ނިންމުމެއް އެޗްޕީއޭއިން ނިންމާނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި ކަމަށް ވެސް މިިނިސްޓަރު ވިދާޅުވެފައި ވެއެެވެ.

ކޮވިޑް19 އާގުޅިގެން މިދިޔަ މާޗު މަހުގެ ތެރޭގައި ސްކޫލުތަކުގެ ކިޔެވުން ވަނީ މެދުކަނޑާލައި ފައެވެ. އެއަށް ފަހު ކުދިންނަށް ކިޔަވައި ދިނުުގެ ކަންކަން ކުރިއަށް ގެންދަނީ ޓެލިކްލާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ގޫގްލް ކްލާސްރޫމާއި ވައިބާ މެދުވެރިކޮށެވެ. ކޮވިޑް-19 އިން އަރައިގަތުމަށް މިހާރު ސަރުކާރުން ލުއިތައް ދެމުން ދާއިރު ސްކޫލަތައް ހުޅުވައިގެން ކުދިން ސްކޫލަށް ގެންގޮސްގެން ކިޔަވައި ދިނުމަށް މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ.

އަދި އެފަދައިން ސްކޫލްތައް ހުޅުވޭ އިރު ހުރިހާ ސްކޫލަތަކެއްގައި ކުދިންނަށް އަތް ދޮވެވޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރާނެ ކަމަށް ވެސް އެޑިއުކޭޝަނުން ބުނެފައި ވެއެވެ.

ސްކޫލްތައް ހުޅުވެން ވާއިރަށް 500 އެމްއެލްގެ 12,500 އަތްދޮންނަ ސައިބޯނި ފުޅި އާއި 500 ތާމޯމީޓަރު ހޯދަން ދާދި ފަހުން އެޑިއުކޭޝަނުން ވަނީ އިއުލާން ކޮށްފައެވެ.