މި ވަގުތަކީ ނަސްލީ އަދުލު އިންސާފު ގާއިމު ކުރަން ވީ ވަގުތު ކަމަށް އެމެރިކާގެ ކުރީގެ ނައިބު ރައީސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
ބައިޑަން މިހެން ވިދާޅުވެފައި ވަނީ، މީގެ 2 ހަފުތާ ކުރިން އެމެރިކާ ފުލުހުންގެ އަތްދަށުވެ މަރުވެދިޔަ އެ ގައުމުގެ ކަޅު ނަސްލުގެ ރައްޔިތެއް ކަމަށްވާ ޖޯޖް ފްލޮއިޑްގެ ޖަނާޒާއަށް ހާއްސަކޮށްގެން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ފްލޮއިޑްގެ އުފަން ފަސްގަނޑު ކަމަށް ވާ ހިއުސްޓަންގައި ކުރިއަށްދިޔަ ޖަނާޒާގައި އާންމު ކުރި ވީޑިއޯ ކްލިޕްއަކީ ފްލޮއިޑްގެ ދަރިފުޅަށް ހާއްސަކުރައްވައިގެން ބައިޑަން ދެއްވި މެސެޖެކެވެ.
އުމުރުން އެންމެ 6 އަހަރުގެ ޖިއާނާއާ މުހާތަބު ކުރައްވަމުން ބައިޑަން ވަނީ އެ ދަރިފުޅުގެ ހިތު ތެރޭގައި އެތައް ސުވާލުތަކެއް ދައުރުވަމުންދާނެކަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް ކަޅު ނަސްލުގެ ކުދިންނަށް ކުރިމަތިލާންޖެހޭ ތަކުލީފުތަކާ ބެހޭ ގޮތުން ސުވާލު އުފެދޭނެ ކަމަށާ، ބައްޕަ ވަކިވެގެންދާން ޖެހުނީ ކީއްވެތޯވެސް އެ ހިތުގައި ސުވާލު އުފެދޭނެކަން އެނގިވަޑައިގަންނަވާ ކަމަށް ބައިޑަންގެ ވީޑިއޯ މެސެޖުގައި ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ބައިޑަން ވިދާޅުވީ، ފްލޮއިޑްގެ މަރަށް އިންސާފު ލިބޭ ދުވަހަކީ، ނަސްލީ އަދުލު އިންސާފުގެ އަސްލު މަގުން އެމެރިކާ ދަތުރުކުރަމުންދާނެ ދުވަހަކަށް ވާނެ ކަމަށެވެ.
ފްލޮއިޑްގެ ޖަނާޒާގެ ކަންކަން ރޭގެ ވަގުތެއްގައި ކުރިއަށް ގެންގޮސްފައިވާއިރު، އެމެރިކާގެ ހިއްސާގެ ވިޔަފާރީގައި ނުފޫޒުގަދަ ނިއުޔޯކް ސްޓޮކް އެކްސްޗޭންޖްއިން ވަނީ 8 މިނެޓްއާއި 46 ސިކުންތުގެ ހަމަހިމޭން ވަގުތު ކޮޅެއް ގެނެސްފައެވެ. 8 މިނެޓްއާއި 46 ސިކުންތަކީ، ފުލުހުންގެ ބެލުމުގެ ދަށަށް ފްލޮއިޑް ގެންދިއުމަށްފަހު އިހާނެތި ގޮތަކަށް އޭނާގެ ކަރު މައްޗަށް ފުލުހަކު ކުޑަކޫ މައްޗަށް ތިރިވެ ހުރި ވަގުތުގެ ދިގުމިނެވެ.