ނ. މާޅެންދޫގައި އަންހެނަކަށް ހަމަލާދީ މާރާމާރީ ހިންގި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އިއްޔެ ހެނދުނު 6:45 ހާއިރު މާޅެންދޫ ގެއެއްގެ ވަލުފަރާތު ގަސްތަކުތެރޭ 39 އަހަރުގެ އަންހެނަކު ހުއްޓާ 50 އަހަރުގެ ފިރިހެނަކު ގޮސް އޭނާއަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިއްޔެ 6:05 ހާއިރު ކޯޓު އަމުރެއްގެ ދަށުން ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާޅެންދޫގައި އަންހެނަކާ މާރާމާރީ ހިންގި ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިން ވެސް އަންހެނުންނަށް އަނިޔާ ކުރުމުގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު 12 ވަނަ ދުވަހު، ފިރިމީހާ އޭނާގެ އަންހެނުން ނޭފަތުގައި ދަތް އެޅި މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ ހާދިސާއާ ގުޅިގެން އދ. ފެންފުށީގައި ދެމަފިރިން ދެމެދުގައި ހިންގި ހަމަނުޖެހުމުގައި އަނބިމީހާ އަށް ފިރިމީހާ އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމުގައި ބެލި ބެލުމުން އެނގިފައިވާ ގޮތުގައި އެ ދެމަފިރިން ޒުވާބު ކުރަމުން ގޮސް ފިރިހެން މީހާ ވަނީ އަންހެން މީހާގެ ނޭފަތުގައި ދަތް އަޅާފައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، ދަތް އަޅާފައިވާ ކަމުގެ ނިޝާން އޭނާގެ ނޭފަތުން ފެންނަން ހުރި ކަމަށެވެ.