ކ. ދިއްފުށިން ކެނަބިސް ގަހެއް ކަމަށް ބެލެވޭ ބޮޑު ގަހެއް ފެނިއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ކެނަބިސް ގަހެއް ކަމަށް ބެލެވޭ ގަހެއް ދިއްފުށީ ގެއެއްގައި ހުރި ކަމަށް އެރަށު ކައުންސިލުން މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ގުލުހުން އެ ރަށަށް ގޮސް މިއަދު ހަވީރު 4:00 ހާއިރު ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި ތަހުލީލު ކުރުމަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ދިއްފުށިން ކެނަބިސް ގަހެއް ފެނިފައިވާއިރު ކެނަބިސް އަކީ މަސްތުވުމުގެ އިތުރަށް ބޭސްވެރިކަމަށް ވެސް ބޭނުން ކުރާ ފަތެކެވެ.

ދޭތެރެ ދޭތެރެއިން ރާއްޖެއިން ވެސް ދަނީ މަސްތުވުމަށް ބޭނުން ކުރާ ވައްތަރުގެ ފަތްތައް ފެންނަމުންނެވެ. އަދި ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި މަސްތުވާތަކެއްޗާއެކު މީހުން ވަނީ ހައްޔަރުވެސް ކުރަމުންނެވެ.