ފުލުހުންގެ މުއައްސަސާއާ މެދު އިތުބާރު އުފައްދަން ބޭނުން ކަމުގައި ވާނަމަ އެ މުއައްސަސާ އިސްލާހު ކުރަން ޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާމަން މޫސާ މަނިކު (ރީކޯ މުސަ) އޭނައަށް ރައްދު ދެއްވައިފިއެވެ.

މޫސާ ވިދާޅުވީ ދެން ހިނގި ކަންކަމަކީ ތިރީސް އަހަރުގެ އަނިޔާ ބަލަން ވައުދުވީ މީހުން އެކަން ނުކުރުމުގެ ނަތީޖާ ކަމަށެވެ. އަދި ބާޣީއޭ ގޮވި އެންމެން އެއްކޮށްގެން ސަރުކާރު ހަދާފައި ބަސް ނުވިކުނީމައި ފުލުހުންގެ އަގުވަށްޓާ ނުލުމަށް ގޮވާލައްވަމުން އޭނާ ވަނީ އެމެރިކާ ކޮޕީ ކުރަން ނޫޅުއްވުމަށް ގޮވާލައްވާފައެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވި ބިލު، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

އޭނާ އެހެން ވިދާޅުވީ، ފުލުހުންގެ ފަރާތުން މީހުންނަށް ލިބޭ އަނިޔާއަކީ ހިނގަ ހިނގާ ހުންނަ ކަންކަން ކަން ފާހަގަ ކުރައްވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެމެރީކާ ފަދަ ގައުމުތަކުގައި ވެސް ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން އެތައް ބަޔަކު މަސައްކަތް ކުރަން ނިންމާފައިވާ އިރު މި ދަނޑިވަޅަކީ ރާއްޖޭގައިވެސް މިކަން ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށް އިންތި ވިދާޅުވުމުންވެ.

އެމެރިކާ އަދި އެހެނިހެން ގައުމުތަކުގައި ފުލުހުންގެ ފަރާތުން އާންމުންނަށް ނުހައްގުން ލިބޭ އަނިޔާ ހުއްޓުވުމަށްޓަކައި ވާހަކަތައް ދެކެވެމުންދާ ކަން ފާހަގަ ކުރައްވަމުން އިމްތިޔާޒް ވިދާޅުވީ މީ މި ރާއްޖޭގައި އެމްޑީޕީން ވެސް ދައްކަމުން ދިޔަ ވާހަކައެއް ކަމަށެވެ. އެމްޑީޕީން މި ވާހަކަ ދައްކާފައި ވަނީ އެތައް ހަގީގަތެއްގެ މައްޗަށް ބީނާކޮށް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިންތި އާއި އެމްޑީޕީއަށް ފާޑު ވިދާޅުވަމުން މޫސަ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި ކަންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނުބައްލަވާ، ވެރިކަން ވެއްޓުމުން އެކަމާ ކަންބޮޑުން ފާޅުކުރައްވާތީ އެކަމާ ފާޑު ވިދާޅުވެ، މިއަދުވެސް ފުލުހުންނަކީ ބުރަ މަސައްކަތްތަކެއް ކުރަމުންދާ ބައެއްކަން ފާހަގަ ކުރައްވާފައެވެ.

ފުލުހުންގެ ބިލުގެ ބަހުސްގައި މިއަދު އިންތި އިތުރަށް ވިދާޅުވީ ފުލުހުންގެ ފަރާތުން އެމްޑީޕީ ފިކުރުގެ މީހުންނަށް އިންތިހާއަށް އަނިޔާ ލިބިފައި ވާކަމަށެވެ. އަދި ރައްޔިތުންނަށް އެތައް އަނިޔާއެއް ފުލުހުންގެ ފަރާތުން ލިބިފައިވީ ނަމަވެސް އެކަމަށް އިންސާފް ލިބިފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރައްކާތެރިކަން ހޯދަން ގުޅަން ޖެހެނީ ފުލުހުންނަށް ކަމަށާއި އެމީހުންނަށް ގުޅުމުން އެމީހުން އައިސް "މިތިބެނީ ތަޅަން ކަމަށް ވަންޏާ" ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެގޮތުން ސިޔާސީ ފަރާތްތަކަށް ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާތަކަކީ ފެންނަން ހުރި ކަންކަން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. މީ "ދުލަކުން ހަދައިގެން ދައްކާ ދޮގު ވާހަކަތަކެއް ނޫން" ކަމަށާއި މިއީ ހަގީގަތުގައި ފެންނަން ހުރި ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ތަސައްވަރު ބަދަލުވާން ޖެހޭ ކަމަށާއި ފުލުހުންނަކީ ރައްޔިތުންނަށް އިތުބާރު ލިބިގެންވާ މުއައްސަސާއަކަށް ހަދަންޖެހޭ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.