ސްރީލަންކާއިން ހރާއްޖެ އަންނަން ބޭނުންވާ ދިވެހިންގެ ތެރެއިން 153 ވާނީ ހޯމް ކަރަންޓިނު ކަމަށް އެންއީއޯސީން ހާމަ ކޮށްފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ހުރިހާ ފަރާތްތައް ވެސް ކަރަންޓީނު ކުރުމަށް ނިންމާފައިވައިރު، އެޗްޕީއޭން ވަނީ ހުރިހާ ފަރާތްތަކަށް ވެސް ފޯމެއް ފޮނުވާފައި ކަމަށާއި، އެއީ ރާއްޖެ އައިސް ކަރަންޓީނު ވާނެ ގޮތެއް އެންގުމަށްޓަކައި ކަމަށެވެ. އެގޮތުން މިހާތަނަށް 153 މީހަކު ފޯމު ފުރާފައިވާއިރު، އެ ފަރާތްތަކުން އެދިފައިވަނީ 13 އަތޮޅެއްގައި ހޯމް ކަރަންޓީނު ވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ރާއްޖެ އަންނަން ބޭނުންވާ ވަރަށް ގިނަ ފަރާތްތަކުން ފޯމު ފުރާފައި ނުވާއިރު، ފުރާފައިވާ ފަރާތްތަކުން ވެސް ހޯމް ކަރަންޓޯނު ވެވޭތޯ ނުވަތަ ނޫންތޯ ފާހަގަ ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ފޯމު ފުރާފައި ނުވާ ފަރާތްތަކުން އަތޮޅުތަކަށް ދަތުރުކުރަން ޖެހިއްޖެނަމަ އެ އަތޮޅުތަކަށް ދަތުރު ކުރުމުގެ އިންތިޒާމް ހަމަޖެހުމުގަިއ ދަތިތަކެއް ދިމާވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާއިން މީހުން ގެނައުމަށް މާދަމާ އޮންނަ ފުރަތަމަ ފްލައިޓްގައި ރާއްޖެއަށް އަންނާނީ ލަންކާއަށް ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި ފަރާތްތަކާ، ފަތުރުވެރިންގެ ގޮތިގައި ލަންކާއަށް ގޮސް ނާދެވި ތިބި ފަރާތްތަކާއި، ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި އެހެންނަމަވެސް ރާއްޖެ އަށް އަނބުރާ ނާދެވި ތިބި ފަރާތްތަކާ، ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ ފަރާތްތައް އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ ފަރާތްތަކެވެ.

މީގެ އިތުރުން ފްލައިޓްގައި ޖާގަ ހުރި މިންވަރަކުން އިތުރު ފަރާތްތަކަށްވެސް ޖާގަ ދެވޭނެ ކަމަށާއި ފްލައިޓްގެ ސީޓިން ކެޕޭސިޓީއަކީ ލިމިޓެޑް ކެޕޭސިޓީއެއްކަމުން އަންނަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރަތަމަ ފްލައިޓުން ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ފްލައިޓްތައް ކޮލޮމްބޯއިން މާލެއަށް ބާއްވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވާއިރު، ސްރީލަންކާގެ އިތުރުން ދިވެހިން ތިބި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ މަސައްކަތުގައި ކޮވިޑް-19ގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ހާލަތާއި ގުޅޭ ގޮތުން އުސޫލުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.