އާސަންދައިގެ ދަށުން 37 މީހަކު އިންޑިއާއަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ފަހުގެ މައުލޫމާތު ދިނުމަށް ބައްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އާސަންދައިގެ ދަސުން ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ކަމަށް ބުނެފައިވާ 37 މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ކެންސަރު ބައްޔަށް ބޭސްކުރަމުން ދާ މީހުން ކަމަށެވެ.

މަބްރޫކް ވިދާޅުވީ، މި ފަރާތްތަށް އިންޑިއާއަށް ފޮނުވުމަށް އިންޑިއާ ސަރުކާރާ ވާހަކަ ދައްކަމުންދާ ކަމަށެވެ. ނަމަވެސް އަދި އެ އިންތިޒާމް ހަމަޖެހިފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އާސަންދައިގެ ދަށުން 37 މީހަކު ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާއިރު، ކޮވިޑް-19ގެ ސަބަބުން ގިނަ ގައުމުތައް ވަނީ ލޮކްޑައުންގެ ހާލަތުގައެވެ. އެހެންކަމުން ރާއްޖެއިން ނުލިބޭ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުން ގަވައިދުން ފަރުވާ ހޯދަމުން އަންނަ ފަރަތްތަކަށް އެ ފަރުވާ ހޯދުމުގައި ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ.

ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ނުދެވުނު ނަމަވެސް، ބޭރުން ގެންނަން ޖެހޭ ބޭސްތައް ރާއްޖެ ގެނެސްގެން ގިނަ ފަރާތްތަކުން ދަނީ ބޭނުން ކުރަމުންނެވެ.

ރާއްޖެއިން އިންޑިއާއަށް މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް އިންޑިއާއިން މި ބައްޔަށް 276146 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި 7750 މީހަކު މި ބަލީގައި އިންޑިއާއިން މަރުވެފައިވާއިރު މިއަދު އެކަނިވެސް 750 މީހަކު ވަނީ މަރުވެފައެވެ.