އުތުރުގެ ރަށެއްގައި ޤުރުއާން ކްލާސް ހިންގާ މީހަކު ފިރިހެން ކުދިން ތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދހުނުގެ ވަގުތެއްގައު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަިއ ވަނީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.
ނޯތް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ޤުރުއާން ކްލާހެއް ހިންގާ 28 އަހަރުގެ ފިރިހެނަކު އޭނާގެ ދަރިވަރުންނަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހެވެ.
މި މައްސަލާގައި ޖިންސީ ގޯނާ ކޮށްފައި ވަނީ ކިތައް ދަރިވަރުންނަށް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ޖިންސީ ގޯނާ ކޮށްފައި ވާ ކުދިންނަނަކީ 18 އަހަރުން ދަށުގެ ފިރިހެން ކުދިން ކަމަށް ފުލުހުން ބުނެއެވެ.
ކުޑަކުދިންނާ ގުޅުން ހުރި މައްސަލަަތައް ބަލަނީ ސީރިއަސް މައްސަލަތަކުގެ ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ. އަދި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހަމާ ނުކުރާ ކަމަށް ފުލުހުން ބުނެއެވެ.