ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާ ޗިލްޑްރަންސް އޮމްބަޑްސްޕާސަންއަށް މުސާރައިގެ ގޮތުގައި 35،000 ރުފިޔާ ދިނުމަށް ރައްޔިތުން މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާއިން އޮމްބަޑްސްޕާސަން އަށް 35،000 ރުފިޔާ ދިނުމަށް ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ. މާލިއްޔަތު ކޮމެޓީން ނިންމީ 10،000 ރުފިޔާއިން 35،000 ރުފިޔާއާ ދެމެދުގެ އަދަދެއްގެ މުސާރައެއް ދިނުމަށް ވަނީ ފާސްކޮށްފައެވެ. އެގޮތަށް ހުށަހެޅީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު މަޖިލީހުން ފާސްކުރީ ނޮވެމްބަރު 14 ގައެވެ.

،މި ގާނޫނުގައި އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ކައިވެނި މި ގާނޫނުން މަނާކުރެއެވެ. އަދި، ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަސައްރުފު ފުދިފައިވާ ބައެއް ކަމުގައިނުވާތީ، އެއްވެސް ކުއްޖަކަށް، މަރުގެ އަދަބު ދިނުން، މި ބިލުން މަނާކޮށް، ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރަކީ، 15 އަހަރު ފުރުމުން ކަމުގައި ކަނޑައެޅިފައިވެއެވެ.

މި ގާނޫނުގެ ދަށުން ދައުލަތުން ވަގުތީ ގޮތުން ހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކުދިންނަށް ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޯލްޓަނޭޓިވް ކެއާގެ ހިދުމަތް ފޯރުކޮށްދޭނެ ރެސިޑެންޝަލް ފެސިލިޓީތަކެއް އެކަށީގެންވާ އަދަދަކަށް ގާއިމްކުރަންވާނެކަމަށާއި، އެތަންތަނުގައި ބައިތިއްބަންޖެހޭ ފަރާތްތަކަކީ ކޮބައިކަން ކަނޑައަޅާފައިވެއެވެ. މީގެއިތުރުންވެސް ގާނޫނު ތަންފީޒުކުރެވޭ މިންވަރު ބަލައި މޮނިޓަރކުރުމަށްޓަކައި، މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްމަނެއް އަައްޔަންކުރަންވާނެ ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. ޗިލްރަންސް އޮމްބަޑްސްމަންގެ އޮފީހަކީ، ހިއުމަން ރައިޓްސް ކޮމިޝަންގައި ގާއިމުކުރެވޭ އިދާރާއެކެވެ.