މަޑުޖެހިފައި އޮތުމަށްފަހު މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

މި މަސައްކަތް ކުރަމުން ގެންދަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރްޑީސީ) އިންނެވެ. އެ ކުންފުންޏާއި މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެމްއާރްޑީސީ އަށް އެ މަސައްކަތް ހަވާލުކުރީ މާލެ ސިޓީ ކައުންސިލުންނެވެ.

މި ޕްރޮޖެކްޓްގެ ދަށުން މާލޭގެ 18.8 ކިލޯ މީޓަރުގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. ޖުމްލަ 462 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ މި މަޝްރޫއުގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާޓީރިއަލް މަގުތައް، ސިޓީ ރޯޑްސް، ސެކަންޑަރީ ރޯޑްސް އަދި ނެއިބާހުޑް ޕެޑެސްޓްރިއަން މަގުތަކެވެ.

މި ޕްރޮޖެކްޓްގެ ދަށުން މަގު ނުކޮނެ ކަރަންޓާއި ފެނާއި ނަރުދަމާ އަދި ޑީވޯޓަރިންގެ ހިދުމަތަށް ބޭނުންކުރާ ކޭބަލް މަގު ނުކޮނެ ފަސޭހަ އިން ގުޅާލެވޭ ގޮތަށް ފަރުމާކުރެވިގެން ވެސް ދާނެއެވެ.