ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ފެންމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ އިގުތިސޯދީ ހަރަކާތްތެރިކަން މިއަހަރު 13 ޕަސެންޓަށް މަޑުޖެހިގެންދާނެ ކަމަށް ވޯލްޑް ބޭންކް ގުރޫޕުން އާންމުކުރި 'ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓަސް' ރިޕޯޓް ބުނެފިއެވެ.

ރާއްޖޭގެ އިގުތިސޯދީ ހަރަކާތްތެރިކަމުގެ ދުވެލި 13 ޕަސެންޓްއަށް މަޑުޖެހިގެންދިއުން އެކަށީގެންވާކަމަށް ވޯލްޑް ބޭންކް ގުރޫޕުން ލަފާކޮށްފައިވަނީ، ދިވެހިރާއްޖޭގެ އިގުތިސޯދީ ހަރަކާތްތަކަކީ ފަތުރުވެރިކަމަށް އިންތިހާއަށް ބަރޯސާވެފައިވާ ސިނާއަތަކަށް، ވަކިން ހާއްސަކޮށް ޗައިނާއާއި ހުޅަނގު ޔޫރަޕްގެ ކަސްޓާމަރުންނަށް ބަރޯސާވެފައިވާ ސިނާއަތަކަށް ވާތީއެވެ. މި ގައުމުތަކަކީ ކޮވިޑް-19އާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކޮށް، ބޯޑަރު ބަންދުކޮށްފައިވާ ގައުމުތަކެއްކަން ފާހަގަކުރަންޖެހެއެވެ.

ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު އެންމެ ބޮޑަށް އިގުތިސޯދީ ހަރަކާތްތައް މަޑުޖެހިގެންދާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާ އެއް ގައުމަކީވެސް ދިވެހިރާއްޖެއެވެ. ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމުތަކަށް ކުރާ އަސަރު ބޮޑުވާއިރު ރާއްޖޭގެ އިތުރުން މި ފަދަ ހީނަރު ކަމަކާ މިސަރަހައްދުން ކުރިމަތިލާންޖެހޭ އިތުރު ގައުމުތަކުގެ ތެރޭގައި ބޫޓާން އަދި ނޭޕާލްވެސް ވޯލްޑް ބޭންކް ގުރޫޕުގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތް ނަމަވެސް ދިވެހިރާއްޖެއިން ދަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ގައުމު ހުޅުވާލަން ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ހަލުވި ދުވެއްޔެއްގައި ކުރަމުންނެވެ.