ފުލުހުންގެ މުއައްސަސާއާ މެދު އިތުބާރު އުފައްދަން ބޭނުން ކަމުގައި ވާނަމަ އެ މުއައްސަސާ އިސްލާހު ކުރަން ޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ފަރާތުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅުއްވި ބިލު، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ގެ ބަހުސްގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

ފުލުހުންގެ ފަރާތުން މީހުންނަށް ލިބޭ އަނިޔާއަކީ ހިނގަ ހިނގާ ހުންނަ ކަންކަން ކަން ފާހަގަ ކުރައްވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، އެމެރީކާ ފަދަ ގައުމުތަކުގައި ވެސް ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން އެތައް ބަޔަކު މަސައްކަތް ކުރަން ނިންމާފައިވާ އިރު މި ދަނޑިވަޅަކީ ރާއްޖޭގައިވެސް މިކަން ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

އެމެރިކާ އަދި އެހެނިހެން ގައުމުތަކުގައި ފުލުހުންގެ ފަރާތުން އާންމުންނަށް ނުހައްގުން ލިބޭ އަނިޔާ ހުއްޓުވުމަށްޓަކައި ވާހަކަތައް ދެކެވެމުންދާ ކަން ފާހަގަ ކުރައްވަމުން އިމްތިޔާޒް ވިދާޅުވީ މީ މި ރާއްޖޭގައި އެމްޑީޕީން ވެސް ދައްކަމުން ދިޔަ ވާހަކައެއް ކަމަށެވެ. އެމްޑީޕީން މި ވާހަކަ ދައްކާފައި ވަނީ އެތައް ހަގީގަތެއްގެ މައްޗަށް ބީނާކޮށް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ފުލުހުންގެ ފަރާތުން އެމްޑީޕީ ފިކުރުގެ މީހުންނަށް އިންތިހާއަށް އަނިޔާ ލިބިފައި ވާކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އެތައް އަނިޔާއެއް ފުލުހުންގެ ފަރާތުން ލިބިފައިވީ ނަމަވެސް އެކަމަށް އިންސާފް ލިބިފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރައްކާތެރިކަން ހޯދަން ގުޅަން ޖެހެނީ ފުލުހުންނަށް ކަމަށާއި އެމީހުންނަށް ގުޅުމުން އެމީހުން އައިސް "މިތިބެނީ ތަޅަން ކަމަށް ވަންޏާ" ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތް ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެގޮތުން ސިޔާސީ ފަރާތްތަކަށް ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާތަކަކީ ފެންނަން ހުރި ކަންކަން ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. މީ "ދުލަކުން ހަދައިގެން ދައްކާ ދޮގު ވާހަކަތަކެއް ނޫން" ކަމަށާއި މިއީ ހަގީގަތުގައި ފެންނަން ހުރި ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ތަސައްވަރު ބަދަލުވާން ޖެހޭ ކަމަށާއި ފުލުހުންނަކީ ރައްޔިތުންނަށް އިތުބާރު ލިބިގެންވާ މުއައްސަސާއަކަށް ހަދަންޖެހޭ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.