ހިޔާ މަޝްރޫއުގެ ދަށުން މިދިޔަ ސަރުކާރުން އަޅާފައިވާ ފްލެޓްތަކުގެ ކަންކަން ދެން ކުރިއަށް ގެންދެވެން އޮތީ ފްލެޓް ކޮމިޓީން ވަކި ގޮތެއް އެންގުމުން ކަމަށް ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވެއްޖެއެވެ.
"ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ޝާމިން ވިދާޅުވީ، ހައުސިން މިނިސްޓްރީން ދޭންޖެހޭ ހުރިހާ ލިޔެކިއުމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ފްލެޓް ކޮމިޓީއާ ހަވާލުކޮށްފައިވާ ކަމަށާއި، ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅޭ ގޮތުން ދެން ކަން ކުރާ ގޮތުގެ ތަފްސީލެއް ދޭން އިނގޭނީ އެ ކޮމިޓީން ވަކިގޮތެއް އެނގުމުން ކަމަށެވެ.
ރޭ ޝާމިން ކުރެއްވި ޓްވީޓްތަކެއްގައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން މިދިޔަ ސަރުކާރުން 7،000 ފްލެޓް އަޅަން ނިންމާފައި ވީ ނަމަވެސް އެތަނުގައި ހުރީ ޖުމްލަ 6،860 ފްލެޓް ކަމަށް ވިދާޅުވެފައެވެ. އަދި އެ ފްލެޓްތައް ލިބޭނެކަމުގެ ލިޔުން މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް 11،000 އެއްހާ މީހަކަށް ހަވާލުކޮށްފައިވާ ކަމަށް ޝާމިން ވިދާޅުވިއެވެ.
ހަމައެއާއެކު ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަގު ހަގީގަތުގަައިވެސް ބޮޑު ކަމަށާއި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ފިނިޝިން މަސައްކަތް ނުލާ 550 އަކަފޫޓުގެ 2 ކޮޓަރި އެޕާޓްމަންޓަކަށް ޖެހޭ އަގަކީ 82398 ޑޮލަރު ކަމަށާއި އެހެންކަމުން އަކަފޫޓަކަށް ޖެހެނީ 2300 ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހިޔާ މަޝްރޫއުގެ މަސައްކަތް ނުނިމި ލަސްވަނީ ފިނިޝިންގް މަސައްކަތް އަދި ނުނިންމޭތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން އަޅާފައިވާ ފްލެޓްތަކުގެ އަގާއި ތަނުގެ ޖާގައާ އަޅާ ކިއުއްވާ ޝާމިން ވިދާޅުވީ މި ސަރުކާރުން މިހާތަނަށް އަޅަން ހަވާލު ކުރި ފްލެޓްތަކުގައި ޖާގަ ތަނަވަސްވެފައި އަގު ހެޔޮވާނެ ކަމަށެވެ. އެ ގޮތުން 900 އަކަފޫޓްގެ 3 ކޮޓަރީގެ އެޕާޓްމަންޓެއް ހެދުމަށް ހަވާލު ކުރެވިފައިވާނީ 52000 ޑޮލަރަށް ކަމަށާއި އެހެންކަމުން އަކަފޫޓަކަށް 890 ރުފިޔާ ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކާ ބެހޭ ގޮތުން އިއްޔެ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އެއީ ކޮތަރު ކޮށިތަކެއް ކަމަށާއި ދަރަނީގެ ދަންތުރައެއް ކަމަށެވެ. އެގޮތުން ހިޔާ ފްލެޓްތައް ހަދާފައި ވަނީ އަކަ ފޫޓަކަށް 1900 ރުފިޔާގެ ރޭޓުން ކަމަށާއި، އެހެންކަމުން ކުލީގެ ގޮތުގައި 11،000 ރުފިޔާ ޖެހޭނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައި ވެއެވެ. ހިޔާ މަޝްރޫއުގެ ފްލެޓްތަކާއި އަޅާބަލާއިރު އެމްޑީޕީ ސަރުކާރުގެ ފްލެޓްތަކުގައި ދަރަނި ބޮޑު ނުވާނޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.