މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަލާމާތްތައް، ހަށިގަނޑުގެ ބޭރު ފުށުން ނުފެންނަ (އެސިމްޓޮމެޓިކް) މީހުންގެ ކިބައިން އިތުރު ބަޔަކަށް ބަލި ފެތުރިގެން ދިއުމަށް އޮތީ ވަރަށް ނާދިރު ފުރުސަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ކޮވިޑް-19 ޓެކްނިކަލް ހެޑް ޑރ މާރިއާ ވެން ކެރްޚޯފް ވިދާޅުވެއްޖެއެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑރ މާރިއާ ވިދާޅުވީ، މިހާތަނަށް ލިބިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެސިމްޓޮމެޓިކް މީހެއްގެ ފަރާތުން ދެވަނަ މީހަކަށް ފެތުރިގެން ދިއުމަށް ހަގީގަތުގައި އޮތީ ނާދިރު ފުރުސަތެއް ކަމަށެވެ.

ވިލިމާލެ ފެރީ ޓަމިނަލް ކައުންޓަރުން ހިދުމަތް ދެނީ

ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާ ގައުމުތަކުން އެއްކޮށްފައިވާ މައުލޫމާތު އެބަހުރި ކަމަށާ، މި ގައުމުތަކަކީ އެސިމްޓޮމެޓިކް ކޭސްތަކަށް ވާނުވާވެސް ގާތުން ބަލަމުން އަންނަ ގައުމުތަކެއް ކަމަށާ، މިފަދަ އެސިމްޓޮމެޓިކް ކޭހެއްގެ ފަރާތުން ދެވަނަ މީހަކަށް ބަލި ފެތުރިގެން ދިއުމުގެ ކޭސްތަކެއް މި ގައުމުތަކުން ފާހަގަވެފައި ނުވާކަމަށްވެސް ޑރ މާރިއާ ވިދާޅުވިއެވެ. އެސިމްޓޮމެޓިކް ކޭހެއްގެ ފަރާތުން ދެވަނަ ބަޔަކަށް ބަލި ފެތުރިގެން ދިއުމުގެ ނާދިރު ކަމުން، އެއްވެސް ދިރާސީ ލިޔެކިއުމެއްގައި އެކަން ހިމަނާފައި ނުވާކަންވެސް ޑރ މާރިއާ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ މާރިއާ އިތުރަށް ވިދާޅުވީ، ހަގީގީ އެސިމްޓޮމެޓިކް ކޭސްއަކީ ކޮބައިތޯވެސް ކަށަވަރު ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެސިމްޓޮމެޓިކް ކޭހުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ފަރާތްތަކަކީ ބަލީގެ ކޮންމެވެސް އަލާމާތެއް އިންތިހާ ކުޑަކޮށް ހުންނަ މީހުން ކަމަށްވެއެވެ. އެގޮތުން ޕްރީ-ސިމްޓޮމެޓިކް (ބަލީގެ ކުރީކޮޅު އަލާމާތެއް ނުފެންނަ) ކޭސްތަކާ، އިންފެކްޝަންގެ މުއްދަތުގައި އެއްވެސް އަލާމާތެއް ނުފެންނަ ކޭސްތައްވެސް ހިމެނެއެވެ. މި 2 ބާވަތުގެ ފަރަގު ވަކިކުރަން އެނގުމަކީ އިންތިހާއަށް ބޭނުންތެރި ކަމެކެވެ.

ސިންގަޕޫރުުގެ ހިޖުރަވެރި ބިދޭސީ މަސައްކަތްތެރިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އެޗްއާރް އޭޝިއާ

މިހާރުވެސް މި ތަފާސް ހިސާބުތައް ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށާ، ހަގީގީ ޖަވާބަކީ ކޮބައިތޯ ބައްލަވަމުން ގެންދަވާ ކަމަށްވެސް ޑަބްލިއުއެޗްއޯގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ފެތުރިގެންދާ ގޮތަށް އަލިއަޅުއްވާލައްވަމުން ޑރ މާރިއާ ވިދާޅުވީ ބަލިޖެހިފައިވާ މީހެއްގެ ފަރާތުން ވައިގެ ތެރެއަށް ބޭރުވެގެންދާ ޑްރޮޕްލެޓްސް (ތިކި) ގެ ސަބަބުން އިތުރު ބަޔަކަށް ބަލި ފަތުރާ ކަމަށެވެ. ބޭރުފުށުން ބަލީގެ އަލާމާތްތައް ފެންނަ ހުރިހާ ކޭހެއް ބަލާ، އެ ފަރާތްތައް އެކަހެރިކޮށް، ކޮންޓެކްޓް ޓްރޭސްކޮށް، އެ ކޭސްތައްވެސް ކަރަންޓީނު ކުރުމަކީ ބަލިޖެހޭ މީހުންގެ އަދަދު އިންތިހާއަށް ދަށްކުރެވިގެންދާނެ ކަމެއް ކަންވެސް ޑރ މާރިއާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކަމާބެހޭ އިލްމުވެރިންނާ ސައެންސްވެރިން މިހާރުވެސް ދަނީ ކޮވިޑް-19އާ ބެހޭ ދިރާސާތައް ކުރިއަށް ގެންގޮސް، ސައްހަ މައުލުމާތު ދެނެގަތުމަށް ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް، މި ބަލީގެ ހަގީގީ ފެށުމަކީ ކޮބައިކަންވެސް އަދި ހޯދިފައެއް ނުވެއެވެ.