ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި ދުނިޔޭގެ ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށް އިންޒާރުކޮށް، މި ބަލިމަޑުކަން ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަމުންދާ ހަރުކަށި ފިޔަވަޅުތަކައިގެން ކުރިއަށް ދިއުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބައިނަލްއަގުވާމީ ދުނިޔެއަށް ގޮވާލައިފިއެވެ.
އޮންލައިންކޮށް ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޑަބްލިއުއެޗްއޯގެ ޑައިރެކްޓާ ޖެނެރަލް ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި 6 މަސް ދުވަސް ފާއިތުވެ ގޮސްފައި ވާއިރު މިއީ އެއްވެސް ގައުމުތަކުން ހަމަޖެހުމުގެ ނޭވާއެއްލާންވީ ވަގުތު ނޫންކަމަށެވެ. ނަމަވެސް، މި ވަގުތަކީ، ސައެންސްއާއި ހައްލު އަދި އިސްތިގުލާލާ އެއްބައިވަންތަކަން އިސްކޮށްގެން ހުރިހާ ގައުމަކުންވެސް ބުރަ މަސައްކަތްތަކެއް ކުރަންވީ ވަގުތު ކަން ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.
ޑަބްލިއުއެޗްއޯއިންވަނީ ކޭސް އިތުރުވަމުންދާ މިންވަރުގެ ރެކޯޑް އަދަދަކަށް ރެޖިސްޓާ ކުރެވިފައިވާކަންވެސް ހާމަކޮށްފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ކޭސް ރިޕޯޓްކުރަން ފެށި ކޮވިޑް-19ގެ ބަލިމަޑުކަމުގައި މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުން 408614 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ބަލި ޖެހިފައިވާ މީހުންގެ އަދަދު 7.1 މިލިއަނަށްވުރެ މައްޗަށް އަރާފައި ވާއިރު، ޝިފާ ލިބިފައިވަނީ 3.5 މިލިއަން މީހުންނަށެވެ.
މި ބަލިން ދިފާއުވާނެ ވެކްސިންއެއް ހޯދިފައި ނުވާއިރު، ބައްޔަށް ހާއްސަ ފަރުވާއެއްވެސް އަދި ނެތެވެ. މި ބަލި ޖެހޭ މީހުންނަށް ފަރުވާ ދެމުން ދަނީ، އެމީހުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ބަލިޖެހުނު މީހުންގެ ތެރެއިން 3.2 މިލިއަން ކޭހަކީ އެކްޓިވް ކޭހަށް ވާއިރު، މީގެ ތެރޭގައި 53798 ކުރިޓިކަލް/ސީރިއަސް ޕޭޝަންޓުން އެބަތިބި ކަމަށް ރެކޯޑްތަކުން ދައްކައެވެ.
މިއީ ކުރެވުނު މަސައްކަތްތަކާ މެދު ފަޚްރުވެރިވެ ގައުމަކުން ހިންދެމިލަންވީ ވަގުތު ނޫންކަމަށް ޑަބްލިއުއެޗްއޯއިން އިންޒާރުކޮށްފައިވާ މި ދަނޑިވަޅަކީ، ކޮވިޑް-19އާ ގުޅިގެން ގައުމުތަކުން ތަންފީޒުކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށާ، އެކަން ތަންފީޒުވެސް ކުރަން ފަށާފައިވާ ދަނޑިވަޅެއް ކަން ފާހަގަ ކުރަން ޖެހެއެވެ.