އެކި ބޭނުންތަކުގައި މިވަގުތު ސްރީލަންކާއަށް ދަތުރުކޮށްފައި ތިބި ބިދޭސީންނަށް ދޫކޮށްފައިވާ ހުރިހާ ގިންތިއެއްގެ ވިސާ، އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްދިނުމަށް އެ ގައުމުގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަން ކޮންޓްރޯލާ ނިންމަވައިފިއެވެ.

މި ނިންމެވުމަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ނިންމެވި ނިންމެވުމެއް ކަމަށް ޚަބަރު ލިބެއެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ވިސާއެއްގެ މުހުލަތު އިތުރު ކުރުމަށްޓަކައި، އެ ވިސާއަކަށް ހާއްސަކޮށްފައިވާ ފީއެއް ދައްކާ، ޕާސްޕޯޓްގައި ވިސާ ކަށަވަރު ކުރަން ޖެހެއެވެ. އަދި މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން މިކަމަށް އެދި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށްވެސް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން އޮތީ އިރުޝާދު ދީފައެވެ.

ކަންމިހެން އޮތް ނަމަވެސް ކޮވިޑް-19އާ ގުޅިގެން ބޯޑަރުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން ގިނަ އަދަދެއްގެ ފަތުރުވެރި އަދި ދަތުރުވެރި ބިދޭސީންތަކެއް ސްރީލަންކާގައި ތާށިވެފައި ވާ ކަމަށާ، ޖޫން 11 ގެ ކުރިން އެ ހުރިހާ އެންމެނަށް ވިސާ އާ ކުރާ އެޕޮއިންޓްމަންޓް ހަމަޖެހެން ނެތްކަން އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިޕާޓްމަންޓްގެ ސަމާލުކަމަށް އައިސްފައިވާކަމަށްވެސް ލަންކާ މީޑިއާއިންވަނީ ރިޕޯޓްކޮށްފައެވެ.

އެހެންކަމުން، ޖޫން 11 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ މުއްދަތަށް، ހުރިހާ ވިސާއެއްގެ މުހުލަތު އިތުރުމަށް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިޕާޓްމަންޓްއިން ނިންމީ ކަމަށާ، ސްރީލަންކާގައި މިވަގުތު ތިބި ހުރިހާ ބިދޭސީންނަށްވެސް މި ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށް ލަންކާ މީޑިއާއިން ބުނެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ބައެއް ފިޔަވަޅުތަކަށް ލަންކާއިން މިހާރު ލުއި ދީފައި އޮތެއް ކަމަކު، ބޯޑަރު އަދިވެސް ވަނީ ބަންދުކޮށްފައެވެ. މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ސްރީލަންކާގައި ތާށިވެފައެވެ. މިފަދަ ފަރާތްތަކަށް ބޭނުންވާ އެކިއެކިކަން ހަމަޖައްސާދިނުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.