ރާއްޖޭގެ ދަރަނި އަދާކުރުން ފަސްކޮށް ދޭން ޗައިނާއިން ވިސްނާކަމަށް ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާ ސަފީރާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖެއާ އެކު އިތުރު 77 ގައުމެއްގެ ދަރަނި އަދާކުރުން ފަސްކޮށް ދޭން ޗައިނާއިން ވިސްނާ ކަމަށެވެ.

މިކަމުގެ އިތުރުން ޗައިނާއިން ވަނީ ރާއްޖެއަށް ވެދީފައިވާ އެހީތެރިކަމާ ގުޅޭގޮތުންވެސް މަޝަވަރާ ކޮށްފައެވެ. އޭގެ ތެރޭގައި ޗައިނާގެ ކުންފުންޏަކުން އަޅައިދިނުމަށް ހަމަޖެހިފައިވާ މެޑިކަލް ލެބޯޓަރީއާ ގުޅޭގޮތުންނާއި ކޮވިޑް ގެ މި ހާލަތުގައި ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ޕޮރިން މިނިސްޓްރީން ބުނެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިނިސްޓަރު ޝާހިދު ޗައިނާ ސަފީރާ ބައްދަލުކުރެއްވި އިރު، ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ޗައިނާއިން ދަނީ ގިނަ އެހީތަކެއް ދެމުންނެވެ. އެގޮތުން ހުޅުމާލޭގައި އަޅާފައިވާ ކޮވިޑް ވިލެޖަށްވެސް ޗައިނާއިން އެހީތެރިކަން ފޯރުކޮށް ދީފައިވެއެވެ.

މީގެ އިތުރުން ޗައިނާގެ ބައެއް ކުންފުނިތަކުން ޕީޕީއީ، ފޭސް މާސްކް، ގޮގްލްސްވެސް ވަނީ ހަދިޔާ ކޮށްފައެވެ. ހަމައެހެންމެ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރަމުން އަންނަ ކަރަންޓީން ފެސިލިޓީތަކަށް ވެސް ޗައިނާގެ އެކި ކުންފުނިތަކުން އަންނަނީ އަމަލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.