ދައުލަތުގެ ސިއްރު މައުލޫމާތުތައް ހާމަކުރާ ކަމަށް ބުނެ "އެމްވީކްރައިސިސް" ގައި ހަރަކާތްތެރިވާ އަހުމަދު އަޝްރަފް (ޝުމްބާގޮންގު) ގެ ފޯނާއި ސިމްކާޑްތައް ފުލުހުން ހިފަހައްޓާފައި އޮންނަތާ ތިންމަސް ފަހުން އަނބުރާ އެތަކެތި ދީފިއެވެ.

ފުލުހުން މިދިޔަ މާޗު މަހުގެ 10ވަނަ ދުވަހު ބުނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޝުމްބާ މިދިޔަ މާޗު މަހުގެ 9ވަނަ ދުވަހުގެ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން އެދިގެން ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ޝުމްބާގެ ފޯނާއި ސިމްކާޑުތައް ހިފަހައްޓައި ފޯނުގެ ލޮކް ކޯޑް ދިނުމުގެ އަމުރެއް ނެރުނީ، އެމްވީކްރައިސިސް ނަމަކަށް ކިޔާ ޓެލެގުރާމް ޗެނަލަކުން ދައުލަތުގެ ސިއްރު މައުލޫމާތުތައް ހުއްދަ ނޫން ގޮތުގައި ހާމަކުރާތީ އާއި ދައުލަތުގެ މަސައްކަތަށް ހުރަސް އަޅަމުން ދާތީއެވެ.

ފުލުހުން އޭނާގެ ފޯނު ތިންމަސް ފަހުން ހަވާލުކުރި ނަމަވެސް ކޯޓު އަމުރުގައި ބުނީ ފޯނު ހިފަހައްޓަނީ 30 ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

ފޯނު ތިންމަސް ފަހުން ހަވާލުކުރުމުން ޝުމްބާ ބުނީ 21 ވަނަ ގަރުނުގައި ކުށެއްގެ ތުހުމަތަށް ފޯނުން ހެކި ލިބިދާނެ ކަމަށް ދުށުމަކީ މޮޔަ ކަމެއް ކަމަށެވެ.