މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ސަރުކާރަށް 2.7 ބިލިއަން ރުފިޔާގެ އޯވަޑްރޯއެއް ދޫކޮށްފައިވާ ކަމަށް އެ ބޭންކުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭ އިން ސަރުކާރަށަ 2.7 ބިލިއަން ރުފިޔާގެ އޯވަޑްރޯއެއް ދީފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ދަތިކަން ކުޑަކުރުމަށް އެމްއެމްއޭ އިން 4.2 ބިލިޔަން ރުފިޔާ އޯވަޑްރޯ ކުރުމުގެ ހުއްދަ ދިނުމަށް ފިނޭންސުން މަޖިލީހުގައި އެދުމުން އެކަން އެގޮތަށް ކުރުމަށް މަޖިލީހުން ފާސް ކޮށްފައި ވާތީއެވެ. މަޖިލީހުން އެގޮތަށް ފާސްކުރީ މިދިޔަ އޭޕްރީލް މަހުގެ 26ވަނަ ދުވަހުއެވެ.
ފިނޭންސުން ވަނީ 4.2 ބިލިއަން ރުފިޔާ 1 އަހަރުގެ ދުވަހުގެ މުއްދަތަށް، ފައިނޭންސް ކޮސްޓެއް ނުހިމެނޭ ގޮތަށް، އޯވާޑްރޯ ކުރެވޭ ގޮތަށް ހަަމަޖެހިގެން ދިއުމަކީ ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތުގެ ކަށަވަރުކަން ދެވޭނެ ކަމެއް ކަމަށް ބުނެފައެވެ.
އޮވާޑްރޯ އިތުރު ކުރުމަށް ފިނޭންސް މިނިސްޓްރީން ބޭނުންވީ ރާއްޖޭގެ ގިނަ ފަރާތްތަކެއްގެ ވަޒީފާ ގެއްލިފައިވުމާއި، ރާއްޖޭގެ އިގްތިސޯދުގެ އެގްރިގޭޓް ޑިމާންޑް ދަށްވެފައިވުމާ، ދުނިޔޭގެ އިގްތިސޯދީ ހަރަކާތްތައްވެސް މަޑުޖެހިފައިވުމާއި ބޭރުގެ ދަތުރު ފަތުރު މަދުވުމާއި ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު ދަށްވެފައިވުމާއި ގުޅިގެން ބޭރު ފައިސާގެ ޑިމާންޑަށް މި ވަގުތު އިތުރުވުމެއް އަންނާނެކަމަށް ނުބެލެވޭތީ ކަމަށް ފިނޭންސުން ބުނެއެވެ. މީގެ އިތުރުން، އިގްތިސޯދީ ހަރަކާތްތައް މަޑުޖެހިފައިވާ މި ދަނޑިވަޅުގައި ފައިސާ އެނބުރޭ މިންވަރު އިތުރުކުރުމަށްވެސް ފިޔަވަޅުއަޅަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް މެދު ރާސްތާގައި، މި ކާރިސާއިން އަރައިގަތުމަށްފަހު، ބާޒާރުގައި އެނބުރޭ ދިވެހި ފައިސާ މަދުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސިދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފައިނޭންސިން އިންފްލޯތައް އަންނަ މިންވަރަކުން ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯ ކުރަންޖެހޭ މިންވަރު ކުޑަކުރެވޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން އޯވާޑްރޯ ލިމިޓް ވާނީ މި މުއްދަތުގައި ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށް ވެދެވޭ އެހީއަކަށް ކަމަށާއި ދައުލަތަށް އާމްދަނީ އަދި ފައިނޭންސިން ލިބޭ މިންވަރަކުން އޯވަޑްރޯކުރަން ޖެހޭ މިންވަރު ކުޑަވާނެ ކަމަށް ވެސް ފިނޭންސުން ބުނެއެވެ.