ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ރާއްޖެއަށް ދިން 77.3 މިލިއަން ރުފިޔާގެ ތަކެތީގެ ތެރޭގައި 2 ރިއަލް ޓައިމް ޕީސީއާރް ސިސްޓަމް ހިމެނެއެވެ.

ޔޫއޭއީއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ރިއަލް ޓައިމް ޕީސީއާރް ސިސްޓަމްސް، ޕީސީއާރް އެކްސްޓްރެކްޝަން މެޝިން، ކޮވިޑް-19 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް، 30 ހާސް ޓެސްޓް ހެދޭނެ ޕީސީއާރް ކިޓް، ޕީޕީއީ (ޑިސްޕޯސަބަލް ކަވަރޯލްސް، ޝޫ ކަވާ، ފޭސް މާސްކް، ފޭސް ޝީލްޑް، މާސްކް އަދި އަންގި) އަދި ހޭންޑް ސެނިޓައިޒާއެވެ.

މީގެ ތެރޭގައި ހިމެނޭ ޕީސީއާރް މެޝިނުން ގަޑިއަކު 96 ޓެސްޓް ހެދޭނެއެވެ. އަދި މިއާއެކު ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ސްޕީޑް އަވަސްވެ، ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެއެވެ. ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ހިލޭ އެހީގެ ގޮތުގައި ޔޫއޭއީ އިން ފޯރުކޮށްދިން މި އެހީގެ ތަކެތީގެ ބަރުދަނުގައި 70 ޓަނު ހުރިއިރު، މިތަކެތި މިއަދު ރާއްޖެ ގެނެސްފައިވަނީ މިކަމަށް ހާއްސަކޮށް އެ ގައުމުންން ފޮނުވި މަތިންދާބޯޓެއްގައެވެ.

ޔޫއޭއީ އިން މިއަދު ރާއްޖެއަށް ހަދިޔާކުރި އެހީގެ ތަކެތީގެ ތަފްސީލް:

  • 100،000 ސެނިޓައިޒާ ފުޅި
  • 225،000 ކޭއެން 95 މާސްކް
  • 2،500،000 ސާޖިކަލް މާސްކް
  • 5000 އަންގި ފޮށި (ކޮންމެ ފޮއްޓެއްގައި 100 އަންގި)
  • 75،000 ޑިސްޕޯސަބަލް ގައުންސް (ޝޫ ކަވާ އާއެކު)
  • 10،000 ފޭސް ޝީލްޑް
  • ޕީސީއާރް އެކްސްޓްރެކްޝަން މެޝިން
  • 30،000 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް
  • 2 ރިއަލް ޓައިމް ޕީސީއާރް ސިސްޓަމް

ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ގާބިލްކަން އިތުރުކުރެވި، ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވޭނެއެވެ. އަދި މިއީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، 'ނިއު ނޯމަލް' އާ ދިމާއަށް ރާއްޖެއިން މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި މިމަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ. ދިވެހި ރައްޔިތުންނަށް ބޭނުމެއް ޖެހޭ ކޮންމެ ހިނދެއްގައި ރާއްޖެއަށް އެހީތެރިވުމަށް ޔޫއޭއީ ސަރުކާރުން ދެއްވާ ހާއްސަ އަހައްމިއްޔަތުކަމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރެއެވެ.

ކޮވިޑް-19 އާ ގުޅިގެން ޔޫއޭއީ އިން 77.3 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް ހަދިޔާކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޔޫއޭއީ އަށް ޝުކުރު އަދާކުރައްވާފައެވެ. ޔޫއޭއީން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މިދިޔަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު މިނިސްޓަރު ޝާހިދު ވަނީ ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދް އަލް ނަޙްޔާން އާއި ފޯނުން ގުޅުއްވައި، ރާއްޖޭގެ ހާލަތާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ބެހޭ މައުލޫމާތު ޔޫއޭއީ ސަރުކާރަށް އެދުވަހު މިނިސްޓަރު ޝާހިދު ވަނީ އަރުވާފައެވެ.

އަދި މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހުވެސް ހިލޭ އެހީގެ ގޮތުގައި ޔޫއޭއީ އިން ރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިނިސްޓަރު ޝާހިދު ވަނީ އަބޫދާބީގައި ސޮއިކުރައްވާފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހިރާއްޖެއާ ޔޫއޭއީ އާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑުތަނުން އިތުރަށް ހަރުދަނާވެފައެވެ. މިހާތަނަށް އެމަނިކުފާނު ޔޫއޭއީއަށް 2 ފަހަރެއްގެ މަތިން ޒިޔާރަތްކުރައްވާފައިވެއެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޔޫއޭއީއަށްވެސް ވަޑައިގެންފައިވެއެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ޔޫއޭއީއަށް ވަޑައިގެން އެގައުމުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި، މަޝްވަރާތައް ބާއްވަވާފައިވެއެވެ.

1970 ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން ޔޫއޭއީ ސަރުކާރުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. ޚާއްސަ ގޮތެއްގައި ރާއްޖޭގެ އުމްރާނީ ތަރައްގީއަށް އެގައުމުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.