އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ޖޯޖް ފްލޮއިޑްގެ މަރުގެ ވާހަކައަކީ މިއަދު އެއްވެސް މީހަކަށް އިތުރު ތައާރަފަކަށް ބޭނުންވާނެ ހާދިސާއެއް ނޫނެވެ. މި ހާދިސާއާއިއެކު މުޅި ދުނިޔޭގެ ސަމާލުކަމަށް ނަސްލީ ތަފާތު ކުރުންތަކުގެ ވާހަކަ އައިސްފައި ވާއިރު، މި ހާދިސާ ވެފައި ވަނީ އެތައް ބަޔަކު ބޭޒާރުވެސް ކޮށްލި ހާދިސާއަކަށެވެ. އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު ފިލްމީ ސިނާއަތުގެ ގޮތުގައި ސިފަކުރަމުން އަންނަ ބޮލީވުޑްގެ ތަރިންނަށްވެސް މި ހަމަލާތަކުން ސަލާމަތް ވެވޭ ގޮތް ނުވެވި، އެމީހުންގެ 'މޭކަޕް ނުކުރާ' ފަތިފުށް މިހާރު ވަނީ ހާމަވާން ފަށާފައޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ކަޅު ނަސްލުގެ މީހުންގެ ހައްގުގައި ތިބިކަން ސާބިތުކޮށްދިނުމަށް ސޯޝަލް މީޑިއާ ފީޑްތައް ފުރާލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބަޔަކީ ބޮލީވުޑްގެ ތަރިންނަށް ވާއިރު، މި ތަރިންނަކީ ހަމުގެ ކުލަ އަލިކުރާނެ އެކި ކަހަލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ 'މޫނުތަކެއް'ކަން ހަނދާން ނެތުނީ މަދު މީހެކެވެ. ދެން އޮތީ އަމިއްލަ ފަސްގަނޑުގައި ހިންގަމުންދާ ޖަރީމާތައް ނުފެންނަ 'އަނދިރި' ބަޔަކަށް ބޮލީވުޑް ތަރިންވެފައިވާކަމަށް ބުނެ ފާޑުކިއާ މީހުންގެ ދައުވާއެވެ. މިއީވެސް ސާބިތު ހިފޭ ވާހަކަތަކެކެވެ. މުސްލިމުންނާ ދެކޮޅަށް އިންޑިއާއިން ހިންގާ ޖަރީމާތަކުގެ ހައްގުގައި ބަހެއް ބުނެލަން ނުކުރުނު ތަރިން، މިއަދު ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓުނު ހާދިސާއެއްގެ ތެދުވެ ވަކާލާތު ކުރުމުގެ ފަހަތުގައި އަމިއްލަ މަގުސަދެއް އޮތުން ނޫން، ދެން އޮތީ އެހެން ކޮން ކަމެއް ހެއްޔެވެ؟

ބޮލީވުޑްގެ ރަސްގެފާނު ޝާހް ރުކް ހާން، ހަމުގެ ކުލަ އަލިކުރާ ޕްރޮޑަކްޓްއެއް އިސްތިހާރު ކުރަނީ/ފޮޓޯ: ޓްވިޓާ

މިމޭރުމުން އެންމެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތް އެކަކީ ދާދި ފަހުން އެމެރިކާ ރައްޔިތަކާ ކައިވެނިކުރި ސުޕާސްޓާ ޕްރިޔަންކާ ޗޯޕްޅާއެވެ. އިންސްޓަގްރާމްއަށް ދޫކޮށްލި ޕޯސްޓްއެއްގައި، އުމުރުން 37 އަހަރިހެ ޗޯޕްޅާ ބުނެފައިވަނީ ނަސްލީ ހަނގުރާމަ ހުއްޓުމަކަށް އަންނަންޖެހޭ ކަމަށާ، އެއްވެސް މީހަކީ މިފަދަ ގޮތަކަށް އެހެން މީހެއްގެ އަތުން މަރުވާން ޖެހޭނެ މީހެއް ނޫންކަމަށެވެ. އަދި ވަކިން ހާއްސަކޮށް، ހަމުގެ ކުލައަކީ އެހެން މީހެއްގެ ޝިކާރައަކަށް އޭނާ ވާންޖެހޭނެ ސަބަބެއް ނޫންކަމަށްވެސް ޗޯޕްޅާގެ ޕޯސްޓްގައި ބުންޏެވެ.

ޕޯސްޓް ދޫކޮށްލުމާއެކު ޗޯޕްޅާއަށް އަމާޒުވީ ފާޑުކިއުމެވެ. ދޮންވާ ކްރީމްތައް އިސްތިހާރު ކުރަން އުޅުނު މީހަކު އެފަދަ ޕޯސްޓްއެއް ކުރީތީއެވެ. އަދި 2008 ވަނަ އަހަރުގެ ފިލްމް، "ފެޝަން"ގައި ކަޅު ނަސްލަށް ފުރައްސާރަކުރި ވާހަކަވެސް ފެންމަތި ކުރި މީހުން އުޅެއެވެ.

ދުނިޔޭގެ ރީތީގެ ރާނީންގެ ތާޖުވެސް ހޯދާފައިވާ ހޮލީވުޑް އަދި ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްޅާ ވަނީ، ހަމުގެ ކުލަ އަލިކުރަން ބްލީޗްކުރާ ކްރީމްތައް ޕްރޮމޯޓް ކުރެވުނީތީ މައާފަށް އެދިފައެވެ.

ޗޯޕްޅާގެ ވާހަކަ ހަވާސާކޮށްލާނަމެވެ. ބޮލީވުޑްގެ ރަސްގެފާނަށްވެސް މިކަމުން ސަލާމަތްވެވޭކަށް ނެތެވެ. ޚުދު ޝާހް ރުކް ހާންއަކީވެސް ހަމުގެ ކލަ އަލިކުރާ ޕްރޮޑަކްޓްތައް އިސްތިހާރު ކުރުމުގައި އިސް ދައުރެއް އަދާކުރި ބަތޮލެކެވެ. ބަތޮލާ ސޯނަމް ކަޕޫރު، ދީޕިކާ ޕަދުކޯން އަދި ދީޝާ ޕަތާނީ ފަދަ ތަރިންގެ ހާލަކީވެސް ހަމަ މިއީއެވެ.

ހަމުގެ ކުލަ އަލިކުރާ މާއްދާތަކުގެ ސިނާއަތަކީ އިންޑިއާގައި ނުފޫޒުގަދަ ސިނާއަތެކެވެ. ހަމުގެ ކުލަ އަލިވުމަކީ އިންޑިއާގެ ބޯދާ ގަބޫލުކުރުންތައް އޮންނަ ގޮތަށް ބަލާއިރު އާދަޔާ ހިލާފު ނުފުޒެއް އެމީހެއްގެ މުށު ތެރެއަށް ގެނުވާ ފަދަ ކަމަކަށް އޮންނަނީ ވެފައެވެ. މި މަޅިގައި ޖެހުނު ބޮލީވުޑް ތަރިންގެ އަދަދު އިންތިހާއެވެ. މިފަދަ ގިނަ އުފެއްދުންތަކެއް އެންޑޯޒްކޮށް، ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ހަރަކާތްތެރި ވަނީވެސް ހަމަ މި ދެންނެވި ފަދަ ތަރިންނެވެ.

ހަމުގެ ކުލަ އަލިކުރާ ކްރީމްތަކާ އުފެއްދުންތައް ޕްރޮމޯޓްކުރާ ފަރާތްތަކުން ވަކާލާތު ކުރާ ގޮތުގައި މި އުފެއްދުންތަކަކީ "ދޮންވާ" ކްރީމް ނުވަތަ އުފެއްދުންތަކެއް ނޫނެވެ.

ނަމަވެސް ފާޑުކިއާ ފަރާތްތަކުން ބުނާ ގޮތުގައި ބޮލީވުޑް ސިނާއަތަކީ އިންޑިއާގައި ހަމުގެ ކުލައިގެ ތަފާތުކުރުންތަކަށް އެންމެ ފާޅުގައި ހިތްވަރުދޭ ޕްލެޓްފޯމްއެވެ. އެގޮތުން ބޮލީވުޑްގެ ވަރުގަދަ ފިލްމުތަކުގެ ބޯޑެތި ރޯލުތަކުން މަދުން ނޫނީ ހަމުގެ ކުލަ އަނދިރި މީހަކު ނުފެންނަ ކަމީ، ގަބޫލުކުރަންޖެހޭ ހިތި ހަގީގަތެކެވެ. ހަމުގެ ކުލަ އަނދިރި މީހެއްގެ ރޯލުވެސް ގިނަ ފަހަރަށް ލިބެނީ ކުލަ އަލި މީހަކަށެވެ. ކެރެކްޓަރުގެ ސިފައަށް ފެއްތުމަށް އެމީހާގެ ހަމުގެ ކުލަ އަނދިރިކޮށްގެންވެސް ބޮލީވުޑްގެ ފިލްމީ މަސައްކަތް ކޮށްފައި އެބަހުއްޓެވެ. ފިލްމް "ބާލާ" އަކީ މިސާލެކެވެ.

ބޮލީވުޑްގެ ފިލްމުތަކުގައި ބޭނުންކޮށްފައި ހުންނަ ލަވަތަކުގެ ޅެމުންވެސް ބާރުދެނީ ކުލައިގެ ފަރަގަށް ކަމަށް ބުނެވިދާނެއެވެ. ހަމުގެ ކުލަ އަލިވެ، ދޮންވުމަކީ ރީތިކަމުގެ މިސާލެއް ކަމަށް ބުނެފައި ވަނީ ކިތަށް ލަވާގައި ތޯއެވެ. ނުވަތަ ރީތި މީހަކު ސިފަކުރުމަށް ހަމުގެ ކުލަ އަލިކަމަށް ސިފަކުރީ ކިތަށް ލަވާގައި ތޯއެވެ؟

ދޮންކަޅުގެ ވާހަކަ ހަވާސާ ކޮށްލުމަށްފަހު ބޮލީވުޑް ތަރިންގެ އަމިއްލަ ފަސްގަނޑަށް ބަލަމާ ހިނގާށެވެ. އިންޑިއާގެ ޖައްމުއާއި ކަޝްމީރު ސަރަހައްދުގައި ހިންދޫ ސަރުކާރުން ހިންގާ ޖަރީމާތަކާ، މުސްލިމުންނާ ދެކޮޅަށް ކުރަމުންދާ ފުރައްސާރައާއި އަނިޔާތަކުން އަޚުންނާ އުޚުތުން މިނިވަންކޮށްދޭން ނިކުތީ ބޮލީވުޑްގެ ކިތަށް ތަރިންތޯއެވެ. އަމިއްލަ ފަސްގަނޑުގައި ބަޔަކަށް ހައްގު ނުހޯދާދީ، އެހެން ގައުމެއްގައި، ތަފާތު މައްސަލައެއްގައި ވަކާލާތު ކުރަން ބޮލީވުޑްގެ ބައެއް ތަރިން ތެދުވަނީ އަމިއްލަ މީހާގެ މަގުބޫލުކަމުގެ މަހުމާގައި އިތުރު ތަރިތަކެއް ޖަހަން ނޫންބާއެވެ. މިއީ ހަމަ ކޮށްލެވޭ ސުވާލެކެވެ.

އިންޑިއާގެ އަދުގެ ހާލަތު ބަޔާންކޮށް މީހަކު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ކުރެހުމެއް/ފޮޓޯ: ޓްވިޓާ

ފްލޮއިޑްގެ މަރުގެ ވާހަކައާއި ދޮންކަޅުގެ ވާހަކަވެސް އެއް ފަރާތް ކޮށްލަމާ ހިނގާށެވެ. މި ފަހުން އިންޑިއާގެ މަސްރަހުން ވައިރަލްވި އެއް ޚަބަރަކީ ގޮވާތަކެތި އަޅާފައިވާ އަލަނާސިއެއް ކޭ މާބަނޑު އެތެއް މަރުވި ވާހަކައެކެވެ. ހިތާމަ ހުރި ކަމެކެވެ. މިކަމުގައިވެސް ބޮލީވުޑްގެ ތަރިންގެ ފަރާތުން ފެނުނީ ދެފުށް ދެގޮތް ކަމޭ ދެންނެވުމަކުން ގޯހެއް ނެތެވެ.

ޖަނަވާރުންނަށް އަނިޔާ ކުރުމަކީވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. ނަމަވެސް ކަޝްމީރުގެ މައްސަލާގައި ޖަލުގައި އިން މާބަނޑު ސޮފޫރާ ޒަރުގާރުގެ ހައްގުގައި ވަކާލާތު ކުރީ ބޮލީވުޑްގެ ކިތަށް ތަރިން ހެއްޔެވެ؟ ނަމަވެސް އަކްޝޭ ކުމާރު ފަދަ ބަތޮލުން ވަނީ އެތުގެ ހައްގުގައި ވަކާލާތު ކޮށްފައެވެ. މިކަމުންވެސް އެއްޗެއް އަންގައި ނުދޭ ހެއްޔެވެ؟