ކޮވިޑް-19 ފެތުރެމުންދާތީ މާލެ ލޮކްޑައުން ކޮށްފައިވާ ހާލަތުގައި ލޮކްޑައުންގެ އަމުރާ ހިލާފުވެ ކޮންމެ ދުވަހަކު އެތައް ބަޔަކު ޖޫރިމަނާކޮށް ހައްޔަރުކުރަމުންދާއިރު، މިއަދާ ހަމައަށް ޖުމްލަ 464 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ލޮކްޑައުންގެ އަމުރާ ހިލާފުވެގެން 464 މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ މާލެއިން ހައްޔަރު ކުރި 418 މީހަކާއި ހުޅުމާލެއިން ހައްޔަރު ކުރި 43 މީހެއްގެ އިތުރުން ވިލިމާލެއިން ހައްޔަރު ކުރި 3 މީހެކެވެ. މީގެ ތެރެއިން 16 މީހަކު ހައްޔަރުކޮށްފައި ވަނީ އިއްޔެއެވެ. ފުލުހުން ބުނީ މި 16 މީހުންގެ ތެރެއިން 13 މީހަކު މާލެއިން ހައްޔަރުކޮށްފަިއވާއިރު އަނެއް 3 މީހުން ހައްޔަރު ކުރީ ހުޅުމާލެއިން ކަމަށެވެ.

ލޮކްޑައުންގެ އަމުރާ ހިލާފުވެގެން މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ޖުމްލަ މީހުންގެ އަދަދު 8186 އަށް އަރާފައިވާއިރު، އެއީ މާލެއިން ޖޫރިމަނާ ކުރި 7300 މީހުންނާއި، ހުޅުމާލެއިން ކުރި 765 މީހުންގެ އިތުރުން ވިލިމާލެއިން ޖޫރިމަނާ ކުރި 121 މީހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ހަމައެކަނި އިއްޔެ ވެސް ހުއްދަނެތި މަގުމަތީގައި އުޅެގެން 249 މީހަކު ޖޫރިމަނާ ކޮށްފައިވެއެވެ.

ފުލުހުން ބުނީ، އިއްޔެ މާލެއިން 245 މީހަކު ޖޫރިމަނާކޮށްފައިވާއިރު، ހުޅުމާލެއިން ދެ މީހަކާއި ވިލިމާލެއިން ދެ މީހަކު ވެސް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މާލެ ލޮކްޑައުންގެ ހާލަތަށް ގެންގޮސްފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ. އަދި މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހުން ފެށިގެން ވަނީ ލޮކްޑައުން އަށް ލުއިތަކެއް ދިނުމަށް ނިންމާފައެވެ.

ހާއްސަ ހުއްދައެއް ނަަގައިގެން ބޭރަށް ދިއުމުގެ ފުރުސަތު ހުޅުވާލައި، އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ގޭގެއަށް ޑެލިވަރީ ކޮށްދެމުން ދާއިރުވެސް ކޮންމެ ދުވަހަކު އެހާ ގިނަ އަދަދަކަށް މީހުން ލޮކްޑައުންގެ އަމުރާ ހިލާފް ވަމުން އަންނަ ކަން ވަނީ ފާހަގަވެފައެވެ. ސިއްހީ މާހިރުން ގޭގައި ތިބުމަށް ނަސޭހަތް ދެމުން އަންނަ އިރު ރާއްޖޭގައި މިހާރު މި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ 1903 އަށް އަރާފައެވެ.