މަގުމަތިން 1 ލައްކަ ރުފިޔާ ފެނުމުން، އެ ފައިސާ ފުލުހުންނާ ހަވާލުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިތަދޫ މަގެއްމަތިން ބިދޭސީއަކަށް 1 ލައްކަ ރުފިޔާ ފެނިގެން، އެ ފައިސާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި ފައިސާގެ ވެރިފަރާތް ހޯދުމަށްފަހު މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު 1:35 ހާއިރު ފައިސާ، ފައިސާގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ވަނީ ހިތަދޫ ފުލުހުންގެ ފަރާތުން މި ފައިސާ މަގުމަތިން ފެނިގެން ފުލުހުންނާ ހަވާލުކުރި ބިދޭސީ މީހާއަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގައި އުޅޭ ބައެއް ބިދޭސީންގެ ފަރާތުން މިފަދަ އަމާނާތްތެރި އަމަލުތައް މީގެ ކުރިން ވެސް ވަނީ ފެނިފައެވެ. އަދި ރާއްޖެއިން ބޭރުގައި ވެސް ބިދޭސީންގެ ފަރާތުން ދިވެހިންނާމެދު މިފަދަ އަމާނާތްތެރިކަން ބަހައްޓަމުންދާ ކަން ވަނީ ފާހަގަ ވެފައެވެ.

އެގޮތުން މިދިޔަ މިދިޔަ ޑިސެމްބަރު މަސް ތެރޭގައި، ދިވެހި އަންހެނަކާއި އޭނާގެ އިންޑިއާ ފިރިމީހާ އަދި އަންހެން ދަރިފުޅަށް، ބެންގަލޫރުގެ ކުރޮޅި އެއްގައި ބެހެއްޓިފައި ހުރި ފައިސާ ޑްރައިވަރެއްގެ އަމާނާތްތެރިކަމާ އެކު އެމީހުންނާއި ހަވާލު ކޮށްފައިވެއެވެ. އެ އޮޓޯގައި ބެހެއްޓިފައި ހުރި ފައިސާ 150،000 ރުޕީސް އާއި 12،000 ޑޮލަރު ލާފައި އޮތީ ދަބަހަކަށެވެ. މިއީ ދިވެހި ރުފިޔާއިން ނަމަ 2 ލައްކަ ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާއެވެ.