މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. އަތޮޅުގައި މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ތިން އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 57 އަހަރުގެ މީހެއްގެ އިތުރުން 38 އަހަރުގެ މީހަކު ކަމަށެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ، އެ ތިން މީހުންގެ ތެރެއިން 33 އަހަރުގެ މީހާއާއި 57 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިއްޔެ ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ.
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ ދެ އޮޕަރޭޝަނުގައި، 33 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 24 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމަތުދެއެވެ. ފުލުހުން ބުނީ، 57 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ 38 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ހަނިމާދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.
ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކުޅުދުއްފުށިން ހަނިމާދުއަށް އައި ލޯންޗަކުން ފައިބައިގެން ދަނިކޮށް އޭނާ ހުއްޓުވައި ބަލައި ފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.