ކޮވިޑް-19ގައި ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައި ވާ ފަރާތްތަކުން، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބާރުވެރި ކުރުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 260 ފަރާތެއްގެ ސޮއާއި މައުލޫމާތު ހިމެނޭ މި ޕެޓިޝަން މަޖިލީހަށް ހުށަހެޅުއްވީ، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމެވެ. މި ޕެޓިޝަން ހުށަހަޅާފައި ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށެވެ.

އެ ޕެޓިޝަނުގައި ބުނީ، ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަ ގިނަ އަދަދެއްގެ މުވައްޒަފުންނަށް އާމްދަނީ ނުލިބި އުޅެން ޖެހުމުގެ ނޭދެވޭ އަސަރު ގިނަ އާއިލާ ތަކަކަށް ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ ބޯޑަރު އަލުން ހުޅުވަން ތައްޔާރު ވަމުން ދާއިރު، ރިސޯޓް މުވައްޒަފުންގެ ފަރާތުން ވަނީ ދެ ކަމަކަށް ރިއާޔަތް ކުރަން އެދިފައެވެ. އެއީ:

  • ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހި އަދި ބިދޭސީ މުވައްޒަފުން ތިބެން ޖެހޭ ރޭޝިއޯ (1:2.1) ކަމަށް ކަނޑައަޅާފައި ވާ މިންވަރަށް ވުރެ ދިވެހިން މުވައްޒަފުން މަދުނުވުން. އަދި 45 ޕަސެންޓް ދިވެހިން ނެތް ރިސޯޓް ތަކަށް އެ އަދަދަށް ދިވެހިން ހޯދުން،
  • ހުސަވެފައިވާ މަގާމަކަށް ބިދޭސީއަކު ނަގާނީ ކޮވިޑް19 ގެ ސަބަބުން ވަޒީފާ ގެއްލުނު ދިވެހި މުވައްޒަފުންނަށް ފުރުސަތު ދިނުމަށް ފަހު ކަން ކަށަވަރުކުރުމެވެ.

އެ ޕެޓިޝަނުގައި ވަނީ ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ތަސައްލީއެއް ހޯދައި ދިނުމަށް މަޖިލީހުން މަސައްކަތް ކޮށްދިނުމަށް ވެސް އެދިފައެވެ. އަދި ދިވެހިން ވަޒީފާގެ ބާޒާރަށް ނެރެ، ވަޒީފާ އަދާ ކުރުމުގެ ރޫހު ދިވެހިންގެ މެދުގައި އާލާ ކުރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަން ނައްތާލުމަށް މަސައްކަތް ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.

ރިސޯޓް މުވައްޒަފުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހންގެ ބައިވެރިވުން ބޮޑު، ބަސްވިކޭ އަދި އެ ސިނާއަތުން ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބޭ ސިނާއަތަކަށް ހެދުމަށް މަޖިލިސް މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްދިނުމަށް އެދިފައެވެ.

ކޮވިޑް-19ގައި ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައި ވާ ފަރާތްތަކުގެ ނަމުގައި އެ ޕެޓިޝަން ތައްޔާރު ކުރުމުގައި އިސްކޮށް އުޅުނީ މ. ހީނާވިލް މުހައްމަދު ރިޔާޒެވެ.