ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ޕްރޮބޭޝަން މުއްދަތު 6 މަސް ދުވަހަށް ދިގު ދަންމަން ނުފެންނަ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހުށަހަޅުއްވާފައިވާ ގާނޫނު ނަންބަރު 2008/2 ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވަނީ އެ މުއްދަތު ދިގުދައްމަން ނުފެންނަ ކަމަށް ވިދާޅުވެފައެވެ. މި ބިލުގައި މައިގަނޑު 12 އިސްލާހެއް ވަނީ ހުށަހަޅާފައެވެ.
މި ބިލަށް ބަހުސް ކުރެވި މެންބަރުންގެ ތެރެއިން، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ، މިހާރު އޮތް ޕްރޮބޭޝަން ޕީރިއަޑް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހުގައި ހުށަހަޅާފައި އޮތް މަގްސަދާއި އަދި އޭގެން ހާސިލްކުރަން ބޭނުންވާ ނަތީޖާއަށް ބަލާއިރު މި އިސްލާހަށް ކޮމިޓީ ސްޓޭޖުގައި ބަދަލު ގެނައުމަކީ ފެނިވަޑައިގަންނަވާ ކަމެއް ކަމަށެވެ. 3 މަހުން 6 މަސް ދުވަހަށް ދިގުދައްމަން ހުށަހާޅާފައިވާ އިސްލާހުގައި ވަޒީފާއަދާ ކުރާފަރާތަށް މުސާރައިގެ އިތުރުން ލިބެންޖެހޭ އެހެނިހެން އިނާޔަތްތައް ނުލިބި ވަޒީފާގެ ޔަގީންކަން ނެތި ހުންނަން ޖެހޭ މުއްދަތު ދިގުވުމަކީ ވަރަށް ބޮޑު ކަންބޮޑު ކަންބޮޑުވުމެއް ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.
ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު މި ބިލޮަށް ބަހުސް ކުރައްވަމުން ވިދާޅުވީ ޕްރޮބޭޝަން މުއްދަތަކީ ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތް އެކުގައި އެއް މަގްސަދެއްގައި މަސައްކަތް ކުރެވިދާނެ ކަމަށް ބަލާ މުއްދަތެއް ކަމަށާއި އެ މުއްދަތަކީ ވަޒީފާ އަދާ ކުރާ ފަރާތަށް ވަޒީފާގެ ރައްކާތެރިކަން ކަށަވަރު ކުރަން އޮންނަ މުއްދަތު ކަމަށެވެ.
އަހަރެއްގެ ދެބައި ކުޅަ އެއްބައި ޕްރޮބޭޝަން މުއްދަތަށް ހަދައި ވަޒީފާގެ ޔަގީންކަން ނެތި ވަޒީފާ އަދާ ކުރަން ދިއުމަކީ ދަތިކަމަށް ވާނެކަމަށް ޖީހާން ވިދާޅުވިއެވެ. 6 މަސްދުވަހަށް ޕްރޮބޭޝަން މުއްދަތު ދިގު ދައްމާނަމަ ވަޒީފާ އަދާ ކުރާ ފަރާތަށް ލިބޭ ރައްކާތެރިކަމަށް ބުރޫ އަރާނެކަމެ ކަން ފާހަގަކުރައްވަމުން ޖީހާން ވިދާޅުވީ 2009 ވަނަ އަހަރުގެ ގާނޫނުގައި ވާ ގޮތަށް 3 މަސް ދުވަހުގެ ޕްރޮބޭޝަން ޕީރިއަޑެއް ބާއްވަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، މަޖިލީހުގައި ބިލު ކިއުއްވުމާ އެކު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައި ވަނީ ޕްރޮބޭޝަން މުއްދާތާއި ސަލާމުގެ ޗުއްޓީ އާއި ސާވިސް ޗާޖް ދިނުމަށް ހުށަހެޅިފައިވާ އިސްލާހަށް ކަމަށެވެ. އެގޮތުން ޕްރޮބޭޝަން މުއްދަތު 3 މަހުން 6 މަަހަށް އިތުރުކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ތާއިދު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ޕްރޮބޭޝަންގެ މުއްދަތުގައި ވެސް ވަޒީފާ އަދާކުރާ ފަރާތަށް ސާވިސް ޗާޖާއި އެހެނިހެން އެލަވަންސް ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުގައި ވަޒީފާ އަދާ ކުރާ ފަރާތުގެ ޕްރޮބޭޝަން މުއްދަތަކީ 3 މަސްދުވަހެވެ. އެ މުދަތަކީ ވަޒީފާ އަދާ ކުރާ ފަރާތުގެ މަސައްކަތް ބެލާ މުއްދަތެވެ. އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެ ފަރާތުންކުރެ ކޮންމެ ފަރާތަކަށް ވެސް ބާތިލުކުރެވިދާނެ ކަމަށެވެ.