ހުއްދަނެތި އެސްޓީއޯގެ ލޯގޯ ޖެހި މާސްކު ތައްޔާރުކޮށް ވިއްކުން ހުއްޓާލުމަށް އެ ކުންފުނިން އެދިއްޖެއެވެ.

އެސްޓީއޯއިން ބުނީ، ބައެއް ފަރާތްތަކުން ވިޔަފާރީގެ ބޭނުމަށް ވިއްކަމުންދާ ފޮތި މާސްކުގެ ތެރޭގައި އެ ކުންފުނީގެ ވިޔަފާރި ލޯގޯ ޖަހާފައިވާ މާސްކު ތައްޔާރުކޮށް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަަމަށެވެ. އަދި މިއީ އެ ކުންފުނީގެ ހުއްދަ ލިބިގެން ކުރާ ކަމެއް ނޫން ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެ ކުންފުނިން ވަނީ އެ ކުންފުނީގެ ލޯގޯ ޖެހި މާސްކު ތައްޔާރުކޮށް ވިއްކުން ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ކުންފުނީގެ ހުއްދަ ނެތި މިފަދަ އަމަލުތައް ނުކުރުމަށް ވެސް އެސްޓީއޯ އިން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ބޭރަށް ނިކުމެ އުޅެނަމަ މާސްކު އެޅުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން، އާންމުކޮށް ބޭނުން ކުރުމަށް ފޮތި މާސްކު ވެސް އެންމެ ރަނގަޅު ކަމަށް ޑޮކްޓަރުން ލަފާ ދިނުމާ ގުޅިގެން ގިނަ ފަރާތްތަކަކުން ދަނީ އަމިއްލައަށް މާސްކު ތައްޔާރުކޮށް ބޭނުން ކުރަމުންނެވެ.

ފޮތި މާސްކު ފެހިއަސް، އޭގައި ހާއްސަ ސިފަތަކެއް ހުންނަން ޖެހެއެވެ. އެގޮތުން މާސްކުން ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވެން ޖެހޭއިރު މާސްކު ހުންނަން ވާނީ މޫނަށް ފިޓްވެ، ފަހަތުން ކަންފަތުން އެޅުވޭ ގޮތަށް ނުވަތަ ފަހަތުން އެއްސޭ ގޮތަށެވެ.

މާސްކުގައި މަދުވެގެން ދެ ފަށަލަ ނުވަތަ ތިން ފަށަލަ ހުންނަން ޖެހޭއިރު، މާސްކް އަޅާފައި ހުންނައިރު ރަނގަޅަށް ނޭވާ ލެވެން ޖެހޭނެއެވެ. އަދި މާސްކު ހަދާފައި ހުންނަ ފޮއްޗަކީ ފަސޭހައިން ތެމޭ ކަހަލަ ފޮއްޗަކަށް ވެގެން ނުވާނެއެވެ.