ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން އެގައުމު މުޅިން ސަލާމަތްވެފައިވާކަމަށް ނިއުޒީލަންޑްއިން ހާމަކޮށްފިއެވެ.

މީގެ ކުޑަ ވަގުތު ކޮޅެއް ކުރިން ނިއުޒީލަންޑްގެ ސަރުކާރުން ކުރި އިއުލާންއެއްގައި ބުނެފައިވަނީ، ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެ ގައުމުން ކޮވިޑް-19 ފުރަތަމަ ކޭސް ފަހުން އަދާ ހަމައަށް އާދުވުނުއިރު އެގައުމުގައި މިހާރު ބަލިޖެހިފައި ހުރި އެއްވެސް ކޭސްއެއް ރިޕޯޓްކޮށްފައި ނެތް ކަމަށެވެ.

ނިއުޒީލަންޑްގެ ވެލިންގްޓަންގައި ދަތުރުކުރަން ތައްޔާރަށް އިން މީހަކު ބެންޗެއްގައި މަޑުކޮށްލައިގެން/ފޮޓޯ: އިންސައިޑާ

ކޮވިޑް-19އާ ގުޅިގެން ނިއުޒީލަންޑްގެ ސަރުކާރަށް ލަފާ އަރުވަމުންދިޔަ ސައެސްންސް ގުރޫޕުގެ އިސްވެރިޔާ ޝޯން ހެންޑީ ވިދާޅުވީ، މި ބަލިމަޑުކަމުގެ މައްޗަށް ނިއުޒީލަންޑްއިން ހޯދި މި ބޮޑު ކާމިޔާބީ ގުޅިފައިވަނީ ދުރާލާ އެޅި ހަރުކަށިފިޔަވަޅުތަކާ ކަމަށެވެ.

ހެންޑީ ވިދާޅުވީ ދުނިޔެ ދުށް އެންމެ ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރުން ވެގެންދިޔައީ ބޮޑު ސަރަހައްދަކަށް ފެތުރިގެން ނުދަނީސް ވައިރަސް 'ހައްޔަރު' ކުރެވުނު ސަބަބަކަށް ކަމަށެވެ. ހަމަ މިއާއެކު ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ވަރަކަށް، ޓްރޭސްކުރަންޖެހުނު ކޮންޓެކްޓްއިން ނުވަތަ ފެންނަމުންދިޔަ ކޮންޓެކްޓްއިންގެ އަދަދުވެސް ދަށަށް ދިޔަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖޭސީންޑާ އެޑާންވަނީ، އެލާޓް ލެވަލްގެ އެންމެ ދަށް ގިންތިއަށް ނިއުޒީލަންޑްގެ ހާލަތު ބަދަލުވެގެންދާނެ ކަން އިއުލާން ކުރައްވާފައެވެ. ކަންމިހެން އޮތް ނަމަވެސް، ނިއުޒީލަންޑްގެ ބޯޑަރު އަދި އޮންނާނީ ބަންދުކޮށްފައި ކަމަށްވެސް އެޑާންވަނީ އިއުލާންކުރައްވާފައެވެ.

ނިއުޒީލަންޑްގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ކޮވިޑް-19އަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރެއިން އެންމެ ފަހުން ރަނގަޅުވި ކޭސްއަކީވެސް މިހާރު އެބަލިން ސަލާމަތްވެފައިވާ ފަރާތެއް ކަން ކަނޑައަޅާފައިވަނީ، ބަލީގެ އެއްވެސް އަލާމާތެއް ނުފެނި 48 ގަޑިއިރު ފާއިތުވީ ފަހުން ކަމަށެވެ. އަދި ނިއުޒީލަންޑްއަކީ ކޮވިޑް-19 ނައްތާލެވިފައިވާ ގައުމެއްކަން، މިމަހުގެ 15 ވަނަ ދުވަހު އިއުލާން ކުރެވޭނެ ކަމަށްވެސް ނިއުޒީލަންޑްގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ. މި ތާރީހަކީ އެންމެ ފަހުން ކޮމިއުނިޓީ ޓްރާންސްމިޝަންގެ ގޮތުގައި ފާހަގަކުރެވުނު ކޭސްގެ ސެލްފް އައިސޮލޭޝަން މުއްދަތުގެ 2 ސައިކަލް ހަމަވާ ތާރީޚު ކަމަށް ޚަބަރު ލިބެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު އެގައުމުން 294800 ސާމްޕަލްއެއް ކޮވިޑް-19އަށް ޓެސްޓު ކުރިއިރު ޕޮޒިޓިވްވެފައިވަނީ މީގެ ތެރެއިން 1154 ސާމްޕަލްއެކެވެ. ބަލިޖެހުނު މީހުންގެ ތެރެއިން މި ދުނިޔެއާއި ވަކިވެ ގޮސްފައިވަނީ 22 މީހުންނެވެ. އަދި އެ ގައުމުން އާ ކޭހެއް ނުފެންނަތާ 17 ދުވަސް ފާއިތުވެފައިވާކަންވެސް ފާހަގަކުރަންޖެހެއެވެ.