ސަރުކާރާ ދެކޮޅަށް ބޭއްވި ސުލްހަވެރި އެއްވުންތަކެއް ވަރުގަދަ ކުރިމަތިލުންތަކަކަށް ބަދަލުވެ ހައްލު ނުލިބިއޮތް ވަރުގަދަ ހަނގުރާމައެއް ކުރަމުން އަންނަ ސޫރިއާގެ ރައްޔިތުން އަނެއްކާވެސް މަގުތަކަށް ނިކުމެއްޖެއެވެ.

ސޫރިއާގެ ހުޅަނގު ދެކުނު ސަހައްދުތަގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިހާރު މަގުތަކަށް ނިކުމެ، މުޒާހަރާ ކުރަމުންދަނީ އިގުތިސޯދު އިނދަޖެހުމާ، އޭގެ އެންމެ އިންތިހާއަށް ގައުމުގައި ކޮރަޕްޝަންގެ ވަބާ ފެތުރިފައިވީ ކަމަށް އެ ސަރަހައްދުގައި އެކްޓިވިސްޓުން ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ސޫރިއާގެ ޕްރޮވިންސްއެއް ކަމަށްވާ ސުވައިދާގައި މުޒާހަރާތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅަކީ، ސޫރިއާގެ ފައިސާގެ އަގު އިންތިހާއަށް ވެއްޓެމުންދާ ވަގުތެއްގައެވެ. ފައިސާ ގަނެވިއްކުމުގެ މުއާމަލާތްކުރާ ވެބްސައިޓްތަކަށް ބަލާއިރު ސޫރިއާ ފައިސާގެ އަގު ވަނީ އިންތިހާއަށް ދަށަށް ގޮސްފައެވެ. އެގޮތުން ސޫރިއާ ޕައުންޑަކަށް މިހާރު ޖެހެނީ އެންމެ 0.002 އެމެރިކާ ޑޮލަރުކަމަށް މި ވެބްސައިޓްތައް ބުނެއެވެ.

ސޫރިޔާގެ ޑިސްޕްލޭސްމަންޓް ކޭމްޕެއްގައި ތިބި ކުޑަކުދިންތަކެއް/ފޮޓޯ: ޢަލީ ހަޝީޝޯ

ސޫރިއާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު މައި ސަރުކާރާ އެއްކޮޅަށް މެޖޯރިޓީ އޮތެއް ކަމަކު މުޒާހަރާގެ ބައިވެރިން މިހާރު ގޮވަމުންދަނީ ރައީސް ބައްޝާރުލް އަސަދުގެ އިސްތިއުފާއަށްކަންވެސް ފާހަގަކުރަންޖެހެއެވެ. އާދީއްތަ ދުވަހު ވަރުގަދަ މުޒާހަރާއެއް ކޮށްފައިވާއިރު، މިއީ އަސަދުގެ އިސްތިއުފާއަށް ގޮވާލާ، މި ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެންމެ ފުރަތަމަ ވަރުގަދަ އެއްވުންކަމަށް މެދުއިރުމަތީގެ މީޑިއާއިން ރިޕޯޓްކުރެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކަށް ބަލާއިރު ސުވައިދާގެ ބާޒާރު މަތީ ސަރަހައްދުގައި މުޒާހަރާ ކުރަމުންދިޔަ ޒުވާނުންގެ ރޫހާ ވާހަކަތަކަކީ، 2011 ވަނަ އަހަރު ލޭ އޮހުރުވުމަކަށް ބަދަލުވެގެންދިޔަ މުޒާހަރާތަކުގެ ރޫހާ ވާހާކަތަކުގެ ފައްކުރުމެކެވެ. މިހާރުން މިހާރަށް ބައްޝާރު ފައިބާވަޑައިގަތުމަށާ، ރައްޔިތުން ބޭޏުންވަނީ ވެރިކަމުގެ ނިމުން ދުށުމަށް ކަމަށް ބައިވެރިން ގޮވާ އަޑު، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން އިވެއެވެ. މީގެ އިތުރުން، ސޫރިއާގެ ސަރުކާރަށް އެއްބާރުލުން ދެމުންދާ ބައިނަލްއަގުވާމީ ބާރުތަކުން ސޫރިއާގެ ފަސްގަނޑު ދޫކޮށްދިއުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

ކޭމްޕަކަށް ދަތުރުކުރަމުންދާ ސޫރިޔާގެ ރެފިއުޖީ އާއިލާއެއްގެ ކުއްޖަކު ރޮނީ/ފޮޓޯ: ގެޓީއިމޭޖަޒް

2011 ވަނަ އަހަރުގެ މުޒާހަރާތައް ފެނިގެންދިޔާ ދީރާ އަވަށުގައިވެސް އާދީއްތަ ދުވަހު ވަނީ މުޒާހަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މާ ބޮޑު ސަރަހައްދަކަށް މުޒާހަރާޓައް ފެތުރިގެން ގޮސްފައި ނުވާކަން ފާހަގަކުރެވެއެވެ.

ސޫރިއާ އަދިވެސް އޮތީ ވިލާތުގެ އިއްތިހާދު (އީޔޫ)އިން ދަތިކުރުމުގެ ފިޔަވަޅުތައް އެ ބަޔަކާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ގައުމުތަކުގެ ލިސްޓުގައެވެ. މިއާއެކު، ސޫރިއާއަށް ބޭނުންވާ އިންސާނީ އެހީގެ ބޮޑު ބައެއް ލިބޭނެ ގޮތެއް ނެތެވެ. ބޭސްފަރުވާގެ ސަމާނު އިންތިހާއަށް ތަދެވެ. ނުރައްކާތެރި ބަލިމަޑުކަމަކާ މުޅި ދުނިޔެ ކުރިމަތިލާފައިވާ މިދަނޑިވަޅުގައި ސޫރިއާއިން ލިބެމުންދަނީ ބޭސްފިހާރައް އިނދަޖެހި، ބަންދުކުރަމުންދާ ޚަބަރެވެ.

ސީރިއަން އެމެރިކަން މެޑިކަލް ސޮސައިޓީގެ ކުރީގެ ރައީސް އިސް މުޝީރު ޒާހިރު ސަހްލޫލް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވީ، އަސާސީ ބޭސްފަރުވާގެ ސަމާމުވެސް ފާމަސީތަކުން ނުވިއްކާކަމަށެވެ. ސަރުކާރު ދެކެ އިންތިހާއަށް ރުޅިއައިސްފައިވާ ރައްޔިތުންތަކެއް ތިބިއިރު، މިކަމުގެ ސަބަބުން އިތުރު ނުތަނަވަސްކަމެއް އުފެދިފައިވާކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސޫރިޔާގެ ސަރުކާރަށް އެއްބާރުލުންދޭ އަސްކަރިއްޔާއިން އިދްލީބަށް ހަމަލާދީ އިމާރާތްތައް ސުންނާފަތިކޮށްފައިވާއިރު އާންމުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ/ފޮޓޯ: އަނަދޯލޫ އޭޖެންސީ

މުރާސިލުން ބުނާ ގޮތުގައި ސޫރިއާގެ ރައްޔިތުންނަށް ގެއްލޭނެ އެއްވެސް މިހާރަކު ނެތެވެ. ފައިސާގެ އަގު އިންތިހާއަށް ދަށްވެ، ބާޒާރުތަކުގައި ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އުފުލެނީއެވެ. ދިރިއުޅުމުގެ އާންމު ހާލަތު ދަނީ އިންތިހާއަށް ދަށަށެވެ.

10 އަހަރުވީ ހަނގުރާމައެއް ކުރަމުންދާ ސޫރިއާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު 4 ލައްކައާއި ގާތް ކުރާކަމަށް ރެކޯޑްތަކުން ދައްކައެވެ. ނަމަވެސް ބައްޝާރު އަދިވެސް ހުންނެވީ ރިޔާސީ ގޮނޑިކޮޅުގެ ކަމަރު ބާރަށް ބަންނަވައިގެންނެވެ.