މިހާތަނަށް ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް-2 (ސާސްކޯވް-2)އިން ޖައްސާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޮޒިޓިވްވި މީހުންގެ އަދަދު 7 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
މިއަދު ހެނދުނާ ހިސާބަށް ލިބިފައިވާ އެންމެ ފަހުގެ ތަފްސީލުތަކަށް ބަލާއިރު މި ހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 7085740 އަށް ވަނީ އަރާފައެވެ.
- އެމެރިކާ: 20007449 ޖުމުލަ ކޭސް | 114469 މަރު
- ބްރެޒިލް: 691962 ޖުމުލަ ކޭސް | 36499 މަރު
- ރަޝިއާ: 467673 ޖުމުލަ ކޭސް | 5859 މަރު
- ސްޕެއިން: 288630 ޖުމުލަ ކޭސް | 27136 މަރު
- އިނގިރޭސިވިލާތް: 286194 ޖުމުލަ ކޭސް | 40542 މަރު
- އިންޑިއާ: 257486 ޖުމުލަ ކޭސް | 7207 މަރު
- އިޓަލީވިލާތް: 234998 ޖުމުލަ ކޭސް | 33899 މަރު
- ޕެރޫ: 196515 ޖުމުލަ ކޭސް | 5465 މަރު
- ޖަރުމަނުވިލާތް: 185869 ޖުމުލަ ކޭސް | 8779 މަރު
- އީރާނު: 171789 ޖުމުލަ ކޭސް | 8281 މަރު
ކޮވިޑް-19އަށް ޕޮޒިޓިވް މީހުންގެ ތެރެއިން އެކްޓިވް ކޭހުގެ ގޮތުގައި ރެކޯޑްކޮށްފައި ވަނީ ޖުމުލަ 3220627 ކޭހެވެ. މީގެ ތެރެއިން 53752 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް މައުލޫމާތު ލިބޭއިރު، ދުނިޔޭގެ ނިސްބަތުން 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ސީރިއަސް/ކުރިޓިކަލް ކޭސް ރިޕޯޓްކޮށްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. މިފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް ރެކޯޑް އަދަދަކަށް ޕޮޒިޓިވްވި ކޭސް ރިޕޯޓްކުރަމުންދާ އިންޑިއާގައި ކޮވިޑް-19 ޖެހިފައިވާ 8944 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަކަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ކްލޯޒް ކޭސް ނުވަތަ ވަކި ގޮތަކަށް ނިމިފައިވާ ކޭސްތަކުގެ ޖުމުލަ އަދަދު 3865113 އަށް އަރައެވެ. މީގެ ތެރޭގައި ފަރުވާ ދިނުމަށް ހޮސްޕިޓަލުތަކުން ދޫކޮށްލާފައިވާ ނުވަތަ ޝިފާ ލިބި ރަނގަޅުވެފައިވާ މީހުންގެ އަދަދަކީ 3459841 އެވެ. މި ބަލީގައި މަރުވެ ދިޔަ މީހުންގެ އަދަދު މިހާރު ވަނީ 4 ލައްކައަށްވުރެ މައްޗަށް އަރާފައެވެ.