ކޮވިޑާ ގުޅިގެން އެކަހެރި ކުރަންޖެހޭ މީހުން ބައިތިއްބަން ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީއަށް ފުރަތަމަ ބަލިމީހާ ގެންގޮސްފިއެވެ.

މި ފެސިލިޓީއަށް ފުރަތަމަ ބަލިމީހާ ގެންދިޔައީ ޓްރީޓޮޕް ހޮސްޕިޓަލުން، މިއަދު ހަވީރު 5:35 ހާއިރެވެ. މި ފެސިލިޓީއަށް ބަލިމީހުން ގެންގޮސް، ފެސިލިޓީގެ ހިދުމަތް ފަށާފައިވާއިރު، އެތަނަށް ސިއްހީ އާލާތްތައް އިންސްޓޯލްކޮށް ފެސިލިޓީ އެއްކޮށް ނިންމީ މިދިޔަ ބުރާސްފަތި ދުވަހެވެ.

ސިއްހީ އާލާތައް އިންސްޓޯލް ކޮށް ނިންމުމުގެ އިތުރުން އެސްޓީއޯއިން ވަނީ މިދިޔަ ބުރާސްފަތު ދުވަހު އެތަނަށް ޕާސަނަލް ޕްރޮޓެކްޓިވް އިކްއުޕްމެންޓް (ޕީޕީއީ) ވެސް ސަޕްލައިކޮށް ނިންމާފައެވެ. އެސްޓީއޯއިން ބުނީ، ކޮވިޑް-19ގެ ސަބަބުން އިތުރު ބަލި މީހުން އެޑްމިޓް ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރުމަށް ތައްޔާރު ކުރި މި ފެސިލިޓީގެ ސަބަބުން ކޮވިޑާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އަށް ބޭނުންތެރި ފައިދާތަކެއް ކުރާނެ ކަމަށެވެ.

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުރިމަތިން ތަރައްގީކުރި ފެސިލިޓީގައި އެންމެ ނުރައްކާތެރި ހާލަތަކަށް ދާ ބަލި މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާނެ އައިސީޔޫއާއި ވެންޓިލޭޓަރު ފަދަ ވަސީލަތް ވަނީ ގާއިމު ކޮށްފައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީ ފުރަތަމަ ތަރައްގީ ކުރަމުން ދިޔައިރު އެތަނުގެ ޖާގަ އަކީ 300 ކަމަށް ވީ ނަމަވެސް ނިންމާފައިވަނީ 290 އެނދެވެ.

މި ފެސިލިޓީގައި މެޑިކަލް ސެޓަޕް ތައްޔާރުކޮށް މި އިންތިޒާމުގެ ފުރިހަމަކަމަން ކަށަވަރުކުރުމުގެ ގޮތުން އައިޖީއެމްއެޗުން ވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުން ބައިވެރިކޮށްގެން ޑްރިލްއެއް ކުރިޔަށް ގެންގޮސްފައެވެ. މި ފެސިލިޓީ ގާއިމު ކުރުމަށްފަހު މިދިޔަ މަހުގެ 24 ވަަނަ ދުވަހު ފެސިލިޓީ ވަނީ އައިޖީއެމްއެޗާ ހަވާލުކޮށްފައެވެ.

މި ފެސިލިޓީގެ މަސައްކަތް އޭޕްރީލް މަހުގެ ފަހުކޮޅު ނިންމާލެވޭނެ ކަމަށް މީގެ ކުރިން ސަރުކާރުން ހާމަކުރި ނަމަވެސް މި ފެސިލިޓީގެ މަސައްކަތް ކުރިއަށް ދަނިކޮށް ފެސިލިޓީން ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސިފައިންގެ އިތުރުން، ފެނަކައިގެ މުވައްޒަފުންނާއި އާރުސީސީގެ މުވައްޒަފުންގެ އިތުރުން ބިދޭސީން ހިމެނެއެވެ.