ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ 7000 ހައުސިން ޔުނިޓަކީ ދަރަނޫގެ ދަންތުރައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމަނިކުފަނު މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފަނު ވިދާޅުވީ ހުޅުމާލޭގައި ފްލެޓްތައް އަޅާފައި ވަނީ 500 އަކަފޫޓުގެ ކުދި "ކޮތަރު ކޮށި" ތަކެއް ގޮތަށް ކަމަށެވެ. އަދި އޭގެ ތަނެއް ހަދަން ހަރަދުކޮށްފައިވާ ކަމަށް ބުނަނީ އަކަފޫޓަކަށް 1900 ރުފިޔާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިވަރަށް ހަރަދުކޮށްފައިވާ ނަމަ ކުލީގެ ގޮތުގައި 11000 ރުފިޔާ ޖެހޭ ކަމަށެވެ. އެމަނިކުފާނު ވަނީ ކުއްޔަށް 11000 ރުފިޔާ ނަގާނަމަ ދެކޮޅު ޖައްސާނެ ގޮތަކާ މެދު ސުވާލު އުފައްދާފައެވެ.

ދަރަނީގެ ދަންތުރާގެ ފޮޓޯއެއް ކަމަށް ވިދާޅުވެ، އޭނާ ވަނީ އެ ފްލެޓްތަކުގެ ފޮޓޯވެސް ހިއްސާ ކޮށްފައެވެ.

ހިޔާ މަޝްރޫއު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. މި ފްލެޓުތަކުގެ ކުއްޔަށް 11000 ރުފިޔާ އަރާ ކަމަށް އެޗްޑީސީން މީގެ ކުރިން ބުނެފައި ވާއިރު، އެއީ އެންމެ ފަހުގެ އަގު ނޫން ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މަޝްރޫއުގެ އަގުތައް ހަދާފައި ހުރީ އެޕާޓުމަންޓުތަކުގެ ފިނިޝިން ޗާޖު (ނިންމުމުގެ ހަރަދު) ނުލާ ކަމަށާއި، މިހާރު ހުރިހާ ހަރަދުތަކެއް ހިމެނިގެން މި ކޮންޓްރެކްޓް ނިމޭއިރު ޔުނިޓަކަށް ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާ އަރާ ކަމަށެވެ. މި ޕްރޮޖެކްޓަކީ ފައިނޭންސް ކުރުމަށް 100 ޕަސަންޓު ދަރަނީގެ ގޮތުގައި ނެގޭ ޕްރޮޖެކްޓެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާ މަޝްރޫއުގައި 25 ބުރީގެ 16 ޓަވަރު އަޅަމުން އަންނަ އިރު ފްލެޓެއްގެ ބޮޑު މިނަކީ 550 އަކަ ފޫޓެވެ.