ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމްގެ ފަރާތުން ޓެކްސީ ޑްރައިވަރުންނަށް 6000 ޕީޕީއީ ހަދިޔާކޮށްފިއެވެ.
ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ޑްރައިވަރުންނަކީ ހީވާގިކަމާއެކު ގިނައިރު މަސައްކަތުގައި ހޭދަކުރަަ ބައެއް ކަމަށެވެ. އެހެންކަމުން އޭނާގެ ފައުންޑޭޝަން އިން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް، ޕީޕީއީގެ 6000 ސާމާނު ހަދިޔާކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. މިއަދު ހަދިޔާ ކުރި ޕީޕީއީގެ 6000 އައިޓަމްސް ތެރޭގައި ސެނިޓައިޒާ ފުޅި، ފޭސް މާސްކް އަދި އަންގި ހިމެނޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމްގެ ފަރާތުން ޓެކްސީ ޑްރައިވަރުންނަށް ޕީޕީއީ ސާމާނު ހަދިޔާކޮށްފައިވާއިރު ޓެކްސީ ޑްރައިވަރުން ވަނީ ޓްރާންސްޕޯޓު މިނިސްޓްރީގައި އެ މީހުންނަށް ރައްކާތެރިކަމުގެ ސާމާނުތައް ހޯދައި ދިނުމަށް އެދިފައެވެ. ދާދިފަހުން މަޖިލީހުގައި ބޭއްވި ގައުމީ ތަރައްގީ ކޮމެޓީގައި އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒުބައިރު ވަނީ އެތަކެތި ހޯދައިދިން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުންގެ ފަރާތުން ވަނީ މަޖިލީހުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިން ޓެކްސީ ޑްރައިވަރުންނާއި ގުޅިގެން ދެއްކި ހުރިހާ ވާހަކައެއް ދޮގުކޮށްފައެވެ.
ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް މަޝްވަރާ ކުރި ކަމަށާއި ނަމަވެސް އެއްވެސް ބައްދަލުވުމެއްގައި ޓެކްސީ ޑްރައިވަރުންގެ މާލީ ހާލަތު ގޯސްވެ ސަރުކާރުން އިއުލާން ކޮށްފައިވާ ރިލީފް ޕެކޭޖުގައި ހިމެނުމަށް އެދިފައި ނުވާ ކަމަށްވެސް ޒުބައިރު ކޮމެޓީގައި ވިދާޅުވިއެވެ. އެވާހަކަވެސް ދޮގުކޮށް ޓެކްސީ ޑްރައިވަރުން ބުނެފައިވަނީ މިހާތަނަށް ބޭއްވި ހުރިހާ ބައްދަލުވުމެއްގައިވެސް އެދުނު އެންމެ ބޮޑު އެދުމަކީ ސަރުކާރުގެ ރިލީފް ޕެކޭޖުގައި ހިމަނައި ދިނުން ކަމަށް ޓެކްސީ ޑްރައިވަރުން ބުނެއެވެ.