ސްރީލަންކާއިން ދިވެހިރާއްޖެ އަންނަން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.
ޕޮރިން މިނިސްޓްރީން ބުނީ މިމަހުގެ 10 ވާ ބުދަ ދުވަހު ސްރީލަންކާގައި ތިބި ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އެގޮތުން ސްރީލަންކަން އެއާލައިންސްއިން އޮޕަރޭޓް ކުރާ ފުރަތަމަ ފްލައިޓްގައި ރާއްޖެއަށް އަންނާނީ ލަންކާއަށް ބޭސްފަރުވާއަށް ގޮސް އަނބުރާ ރާއްޖެ ނާދެވި ތިބި ފަރާތްތަކާ، ފަތުރުވެރިންގެ ގޮތިގައި ލަންކާއަށް ގޮސް ނާދެވި ތިބި ފަރާތްތަކާއި، ކިޔަވާ ދަރިވަރުންގެ ތެރެއިން ކޯސް ނިމި އެހެންނަމަވެސް ރާއްޖެ އަށް އަނބުރާ ނާދެވި ތިބި ފަރާތްތަކާ، ސިއްހީ ސަބަބުތަކަށްޓަކައި އަނބުރާ އަންނަން ބޭނުންވާ ފަރާތްތައް އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެނބުރި އަންނަން ބޭނުންވާ ފަރާތްތައް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އެ މިނިސްޓަރީން ބުނީ ފްލައިޓްގައި ޖާގަ ހުރި މިންވަރަކުން އިތުރު ފަރާތްތަކަށްވެސް ޖާގަ ދެވޭނެ ކަމަށާއި ފްލައިޓްގެ ސީޓިން ކެޕޭސިޓީއަކީ ލިމިޓެޑް ކެޕޭސިޓީއެއްކަމުން އަންނަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ފުރަތަމަ ފްލައިޓުން ޖާގަ ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު ފްލައިޓްތައް ކޮލޮމްބޯއިން މާލެއަށް ބާއްވާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވާއިރު، ސްރީލަންކާގެ އިތުރުން ދިވެހިން ތިބި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ މަސައްކަތުގައި ކޮވިޑް-19ގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށާއި، ހާލަތާއި ގުޅޭ ގޮތުން އުސޫލުތަކަށް އަންނަ ބަދަލުތަކަށް ރިއާޔަތް ކުރެވޭނެ ކަމަށާއި ބޭރު ގައުމުތަކުން ރާއްޖެ އަންނަ ދިވެހިން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާ އުސޫލެއްގެ މަތިން، ކަނޑައަޅާ މުއްދަތަކަށް ކަރަންޓީން ކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ލަންކާގައި ނާދެވިފައި ތިބި ދިވެހިން ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ތިން ގައުމެއްގައި ތިބި 103 ދިވެހިންނާ އެކު މިއަދު ހެނދުނު ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް ވަނީ ރާއްޖެ ގެނެސްފައެވެ. އެ ފްލައިޓްގައި ރާއްޖެ އައީ ބެލަރޫސް އަދި އިނގިރޭސިވިލާތުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވި ފަރާތްތަކާއި، ސްރީލަންކާގައި މިވަގުތު ތިބި ދިވެހިންގެ ތެރެއިން ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ފަރާތްތަކެވެ.