ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އީމެއިލް މެދުވެރިކޮށް ނޫސްމަޖައްލާ ރެޖިސްޓްރީކުރުމުގެ ހިދުމަތްދޭން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނީ، އޮންލައިންކޮށް ނޫސްމަޖައްލާ ރަޖިސްޓާ ކުރަން ބޭނުންވާ ފަރާތްތައް އެ ސައިޓުގައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަން ވާނީ ސްކޭންކޮށްފައި ޕީ.ޑީ.އެފް ފައިލް ފޯމެޓަށް ކަމަށެވެ. އަދި އެ ތަކެތި އެ މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރުމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ފޯމު ހުށަހެޅި ފަރާތަށް މެއިލް ލިބުނުކަން 7 ދުވަހުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް އަންގާނެ ކަމަށާއި އަދި ނޫސްމަޖައްލާ ހިންގުމުގެ ވަގުތީ ހުއްދައިގެ ސިޓީއާއެކު ރެޖިސްޓްރޭޝަންގެ ތަފްސީލު އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަަމަށް އެ މިނިސްޓްރީން ބުނެއެވެ. ނޫސްމަޖައްލާ ހިންގުމުގެ ވަގުތީ ހުއްދައިގެ މުއްދަތު ހަމަވާނީ، ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން އާންމު ހާލަތަކަށް ބަދަލުވާ ދުވަހުން ފެށިގެން 21 ދުވަހުގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެގޮތުން ދާއިމީ ރަޖިސްޓްރޭޝަން ހޯދުމަށް އެދޭނީ ކޮވިޑް-19 އާ ގުޅިގެން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން އާންމު ހާލަތަކަށް ބަދަލުވެ ސަރުކާރުގެ އޮފީސްތަކުގެ ހިނގުން އިއާދަކުރާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ދާއިމީ ރަޖިސްޓްރޭޝަނަށް ހުށަހަޅާއިރު އެ މިނިސްޓްރީން ދޫކުރި ވަގުތީ ހުއްދައާއި ރަޖިސްޓްރީގެ ތަފްސީލާއެކު 25 ރުފިޔާގެ ރެވެނިއު ސްޓޭމްޕް އަދި ލިޔެކިޔުންތަކުގެ ހާޑް ކޮޕީ ހުށަހަޅަންވާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ގާނޫނު ނަމްބަރު 78/47 ނޫސްމަޖައްލާފަދަ ތަކެތީގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ރަޖިސްޓްރީކުރެވޭ ނޫސްމަޖައްލާތައް ރަޖިސްޓްރީކުރުމާ އުވާލުމުގެ އެންމެހާ މަސައްކަތެއް ކުރަމުން އަންނަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނެވެ. އަމަލީ ގޮތުން އެ މަސައްކަތް ބަލަހައްޓަމުން ގެންދަނީ އެ މިނިސްޓްރީގެ މީޑިއާ ސެކްޝަނުންނެވެ. އެ ގޮތުން އެ ފަރާތުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ނޫސްމަޖައްލާ އާއި އޮންލައިން ނޫސް ރަޖިސްޓްރީކޮށްދިނުމާއި، މަސްއޫލުވެރިޔާ ބަދަލުކުރުމާއި، އެޑިޓަރު ބަދަލުކުރުމާއި، ނޫހުގެ ނަން ބަދަލުކުރުމާއި، ނޫސް އުވާލުމުގެ އިތުރުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ނޫސްވެރިންނާއި ލިޔުންތެރިން ދަފްތަރުކޮށް ބެލެހެއްޓުން ހިމެނެއެވެ.