ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މިހާތަނަށް ނެގި އެންމެ ބޮޑު ސިސްޓްގެ އޮޕަރޭޝަން ކާމިޔާބު ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލްގެ ހެލްތް ސާވިސްގެ މެނޭޖަރު އަހްމަދު ދާއޫދު ވިދާޅުވީ މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އެ ހޮސްޕިޓަލުން އޯވަރީން ސިސްޓް ނަގާ އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއީ މިހާ ބޮޑު ސިސްޓެއް ކާމިޔާބު ކަމާއެކު ނަގާ އޮޕަރޭޝަން ކުރި ފުރަތަމަ ފަހަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އެ އޮޕަރޭޝަންގައި ދެ ސިސްޓެއް ނަގާފައި ވާއިރު، އެއް ސިސްޓުގެ ބޮޑުމިނުގައި 10 ސެންޓިމީޓަރާއި 11 ސެންޓިމީޓަރު ހުރި ކަމަށާއި އަނެއް ސިސްޓުގެ ބޮޑުމިނުގައި 2 އިންޗި 2 އިންޗި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް 2 ފަހަރެއްގަ އޮޕަރޭޝަން ކާމިޔާބި ކޮށް ނަގާފަ ވަނީ، އެކަމަކު މިއީ މިހާބޮޑު ސިސްޓެއް ފަޅައިގެން ނޮގޮސް ނެގުނު ފުރަތަމަ ފަހަރު، 2 ސިސްޓެއް ނެގުނީ، އޭގެ ތެރެއިން އެއް ސިސްޓްގަ އެބަހުރި 11 އިންޓު 10 ސެންޓިމީޓާ، އަނެއް ސިސްޓްގަ 2 އިންޓް 2 ސެންޓި މީޓާ އެބަހުރި
ދާއޫދު

އެ އޮޕްރޭޝަންގައި ބައިވެރިވީ ޖުމްލަ 8 މީހުން ކަމަށާ، އެއީ ދެ ގައިނޮކޮލޮޖިސްޓުންނާއި އެއް އެނެސްތަޓިސްޓާއި ހަތަރު ނަރުހުންގެ އިތުރުން އެއް އެޓެންޑެންޓުން ކަމަށެވެ.

ކޮވިޑް-19ގެ މިހާލަތުގައި މާލެ އައުމަށް ފަސޭހަ ނުވާނެ ކަމަށާއި އެގޮތުން މާލެ ނައިސް ކުޅުދުއްފުއްޓާއި ކައިރި ރަށްރަށުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ހިދުމަތް ލިބޭނެ ފަސޭހަ ގޮތްތަކެއް ހޯދުމަަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ދާއޫދު ވިދާޅުވިއެވެ.

އެގޮތުން މިދިޔަ މަހު ކުޅުދުއްފުށީ ހޮސްޕިޓަލުން ވަނީ 28 ހަފްތާގެ ކުއްޖަކަށް ފަރުވާދީ ސަލާމަތް ކޮށްފައެވެ. އެއީ ވެންޓިލޭޓަރުގައި ފަރުވާ ދެވުނު ކުއްޖެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިތުރަށް ވިދާޅުވީ އެ ހޮސްޕިޓަލުގައި ދުވަސް ނުފުރާ ވިހާ ކުދިން އާންމުކޮށް އިތުރު ފަރުވާ އަށް މާލެ ފޮނުވާ ކަމަށެވެ. ނަމަވެސް މިހާރު އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތާ ގުޅިގެން ދުވަސް ނުފުރާ ވިހާ ކުދިންނަށް ރަށުން ފަރުވާ ދެވޭނެ ގޮތްކެއް ހޯދަމުން ދާ ކަމަށެވެ. މިވަގުތު އެންމެ ދަތީ އިންކިއުބޭޓަރެއް ނެތުމުން ކަމަށާއި ނަމަވެސް އިތުރު ނިއޮނަޓަލް ވެންޓިލޭޓާސް އާއި ބޭބީ ވޯމާސް އެކަށީގެންވާ ވަރަށް ލިބިއްޖެނަމަ އެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.