ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން އިއްޔެ އެކަނިވެސް މާލެ ސިޓީން 262 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ ޖޫރިމަނާކުރި 262 މީހުންގެ ތެރެއިން 244 މީހަކު ޖޫރިމަނާ ކުރީ މާލެއިން ކަމަށެވެ. އަދި ބާކީ 12 މީހުން ޖޫރިމަނާ ކޮށްފައި ވަނީ ހުޅުމާލެއިން ކަމަށެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 7937 މީހަކު ލޮކްޑައުން އަމުރާ ހިލާފުވެގެން ވަނީ ޖޫރިމަނާ ކޮށްފައެވެ.

ފުލުހުން ބުނީ ލޮކްޑައުން އަމުރާ ހިލާފުވެގެން އިއްޔެވެސް 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ މާލެއިން ހައްޔަރުމުރި 11 މީހުންނެވެ. މިހާތަނަށް ލޮކްޑައުން އަމުރާ ހިލާފުވެގެން 448 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މިހާތަނަށް ޖޫރިމަނާ ކުރި މީހުންގެ ތެރެއިން މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީއަށް ޖޫރިމަނާ ފައިސާ ދައްކަނީ މަދު ބައެއް ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލާފައިވާ ކަމަށާއި އެހެންނަމަވެސް އެމީހުންގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ބުނެފައެވެ.