ރާއްޖެއަށް މަސައްކަތް ކުަރަން އަންނަ ބިދޭސީންގެ ޒަރޫރީ ބޭނުންތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހަމަ އެއާއެކު ކޮވިޑް-19އާ ގުޅިގެންވެސް ރާއްޖެއިން މަރުވި މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ބިދޭސީންކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ދިވެހި ސަރުކާރާއި އާންމު ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް މިހާރަށްވުރެ ބޮޑަށް ބިދޭސީ މަސައްކަތްތެރިންގެ ޒަރޫރީ ބޭނުންތަކަށް ސަމާލުކަންދީ އެކަންތައް ރަނގަޅު ކުރަން ޖެހޭ ކަމަށްވެސް މިނިސްޓަރު ދުންޔާ ވިދާޅުވިއެވެ.
ދުންޔާ މިފަދައިން ވިދާޅުވެފައި ވާއިރު، މިދިޔަ ރަމަޟާން މަހު ވަނީ ބިދޭސީންނާއި ފުލުހުންނާ ދެމެދު ހުޅުމާލޭގެ ކަރަންޓީނު ފެސިލިޓީން ފުލުހުންނާ ދިމާލަށް ގޮނޑިއާ އެއްޗެހި އުކައިފައިވާ ކަމަށް ފުލުހުން ބުނެފައެވެ. މައުލޫމާތު ލިބިފައިވާ ގޮތިގައި އެ ހާދިސާ ހިނގާފައި ވަނީ ކެއުން ގެންދިއުން ލަސްވެގެންނެވެ.
ހަމަ އެއާއެކު ތިލަފުށީގައި ތިބި 400 އެއްހާ ބިދޭސީން ހަމަ ނުޖެހުން ހިންގާ ފުލުހެއްގެ ގައިގައި ޖަހާ މާރާމަރީވެސް ހިންގާފައި ވެއެވެ.
މީގެ އިތުރުން ބިދޭސީން ބޭތިއްބުމަށް ތައްޔާރުކުރި ވިލިވަރު އައިސޮލޭޝަން ފެސިލިޓީތަކުގެ ފެންވަރު ދައްކަމުން، އެކަމަށް ސަރުކާރުން ވަނީ މައާފަށް އެދިފައެވެ. އަދި އެތަނުގައި ތިބި މީހުން އެހެން ފެސިލިޓީއަކަށް ބަދަލު ކުރުމަށް ފަހު ވިލިވަރުގައި އާ ފެސިލިޓީއެއް މިހާރު ވަނީ ގާއިމްކޮށްފައެވެ.
ރާއްޖެއިން ކޮވިޑް ޖެހި މިހާތަނަށް ޖުމްލަ 8 މީހަލު މަރުވެފައި ވާއިރު، އޭގެ ތެރެއިން 4 މީހުންނަކީ ބިދޭސީންނެވެ.