މީސްމީޑިއާ މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލިސް މިއަދު ބާއްވަން ނިންމައިފިއެވެ.

ހައިކޯޓުން ބުނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލިސް މީސްމީޑިއާ މެދުވެރިކޮށް ދައްކަން ނިންމާފައިވާ ކަމަށާއި އެގޮތުން ފުރަތަމަ ޝަރީއަތުގެ މަޖިލިސް މިއަދު 11:30 ގައި އޮންނާނެ ކަމަށެވެ.

މިއަދު 11:30 ގައި ތާވަލްކޮށްފައި ވަނީ ހަސަން ސައީދު ހުސައިން، ދަފްތަރު 2571 ގެ މައްޗަށް ކުރާ ޖިނާއީ ކުށުގެ ދައުވާގެ މައްސަލައިގެ ޝާރީއަތެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލޭ ލޮކްޑައުން ކުރުމާއި އަދި ސަރުކާރު އޮފީސްތައް ބަންދުކުރުމާ ގުޅިގެން އެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓުއިން އޮންލައިންކޮށް މައްސަލަތައް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމްލަ 22 މައްސަލައެއް ހައިކޯޓަށް ހުށަހެޅި 17 މައްސަލައެއް ބަލައިގެންފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޝަރީއަތްތައް މެދުކެނޑިފައި އޮތުމަށް ފަހު ކޯޓުތަކުން މިހާރު ގެެންދަނީ އޮންލައިންކޮށް ޝަރީއަތްތައް ބާއްވަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދަން ނިންމައި، މި ދިޔަ ހަފްތާތެރޭގައި އޮންލައިންކޮށް ޝަރީއަތެއް ވަނީ ބާއްވާފައެވެ.