ސްކޫލްތަކަށް ބޭނުންވާ 500 ޑިޖިޓަލް އައިއާރް ތާމޯމީޓަރު ހޯދަން އިއުލާންކޮށްފިއެވެ.

500 ތާމޯމީޓާރު ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން ބީލަމަށް ހުޅުވާލާފައި ވާއިރު ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ އަންނަ އަންގާރަ ދުވަހުގެ ކުރިން ފޯމު ހުށަހަޅާ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ރުފިޔާ ހުށަހަޅަން ޖެހޭއިރު ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 30 ދުވަސް ކަމަށާއި ބިޑް ހުޅވުން އޮންނާނީ މިމަހު 15 ވަނަ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސްކޫލުތަކަށް ބޭނުންވާ ތާމޯމީޓަރު ހޯދަން އިއުލާނުކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ލޮކްޑައުންއަށް ފަހު ނިއު ނޯމަލްގައި ސްކޫލްތައް އަލުން ހުޅުވާއިރު ސްކޫލުތަކަށް ދަރިވަރުން ވައްދާނީ އެ ދަރިވަރުންގެ ފިނިހޫނުމިން ބެލުމަށްފަހުއެވެ.