މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ރައްޔިތުން މަޖިލީހުގައި ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުމެގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ލިބިވަޑައިގެން އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހިދާނެތީ އެކަމަށް ތައްޔާރުވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް މިއަދު ނެރުއްވި ބަޔާނުގައި ވަނީ މަޖިލީހުގައި އޭނާއަށް ލިބުނު އަނީޔާގެ ވާހަކަ ދައްކަވާފައެވެ. އަދި އެ އަނިޔާއަށް ފަރުވާ ހޯއްދަވަމުންދާ ކަމަށާއި އަދި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ވަޑައިގަންނަވަން ޖެހިދާނެ ކަމުގެ އިޝާރާތެއް ލިބިވަޑައިގެންފައި ވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން މިހާރު އެކަމަށް ވެވަޑައިގަންނަވަން ޖެހޭ ތައްޔާރިތައް ވަމުންދާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި އެރޭ ހިނގި ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމަލު ކުރެއްވީ މަޖިލީހުގެ ގަވާއިދު 65 މާއްދާއާ ހިލާފަށް ކަމަށެވެ. މަޖިލީހުގެ މެންބަރެއްގެ ނަން އިއްވެވުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތު މަޖިލީހުގެ ގަވާއިދުގެ 65 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެ ގޮތުން އެރޭ މަޖިލީހުގެ ރައީސް މެންބަރު ޝިޔާމްގެ ނަން އިއްވަވާފައި ވަނީ އެއްވެސް ނަސޭހަތެއް އަދި އިންޒާރެއް ދެއްވުމަކާ ނުލައި ކަަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނީ ---

މީގެ އިތުރުން ސަރުކާރަށް ނިސްބަތްވާ މެންބަރުންތަކެއް ވަނީ އެޗްޕީއޭގެ އެންގުމާ ހިލާފްވެ ގައިގޯޅިވެ ގަޔަށް އަތްލާ މަޖިލީހުން އޭނާ ނެރެން ކަމަށް ބުނެ އަނިޔާ ދީފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަމަކީ ޖިނާއީ ކުށެއް ކަމަށް ގަބޫލު ކުރައްވާ އެ މައްސަލަ ފުލުހަށް ހުށަހަޅުއްވާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެ މައްސަލަ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި އިންސާފްވެރިކަމާއެކު ބަލައި ދިނުމަށް ޝިޔާމް އެދިވަޑައިގެންފައި ވެއެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނުކުންނެވުމަށް އެންގުމުން އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުން އޭނާ ނެރެފައި ވަނީ އެމްޑީޕީގެ މެންބަރުން ވަށާލައި ގަދަ ކަމުންނެވެ.

އެކަން އެގޮތަށް ކުރުމުގެ ސަބަބުން މަޖިލީހުގެ ތަޅުމުގައި ހަމަނުޖެހުންތައި ހިނގައި ޝިޔާމަށާއި އެހެން މެންބަރުންނަށް ވެސް އަނިޔާވި އެވެ. އަދި އެކަން އެހެން ހިނގައި ދިޔައީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކަމަށް އިދިކޮޅު މެންބަރުންނާއި އެެހެން ޕާޓީތަކަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. މިކަމާ ގުޅިގެން މި ސަރުކާރުގެ ކޯލިޝަން ތެރޭގައި ހިމެނޭ އަދާލާތު ޕާޓީއާއި އެމްޑީޕީގެ ބައެއް މެންބަރުންގެ ދެމެދުގައިވެސް ދެބަސްވެވޭގޮތަށް މުއާމަލާތްތަކެއް ވަނީ ކުރެވިފައެވެ.