އާންމު ތަންތަނަށް ނިކުމެ އުޅޭ ހުރިހާ ވަގުތެއްގައި ފޭސް މާސްކު ބޭނުން ކުރަން ޖެހޭ ގޮތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިރުޝާދުތައް އިސްލާހުކޮށްފިއެވެ.

މާސްކު އެޅުމާ ބެހޭ ގޮތުން ޑަބްލިއުއެޗްއޯއިން މީގެ ކުރިން އާންމުކުރި އިރުޝާދަށް ގެނައި އިސްލާހު ބުނާ ގޮތުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، އާންމު ތަންތަނަށް ނިކުންނައިރު މާސްކު ބޭނުން ކުރަން ޖެހެއެވެ.

ކޮވިޑް 19 މާލޭ މަގުމަތީގައި މާސްކް އަޅައިގެން އުޅޭ މީހުން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ޑަބްލިއުއެޗްއޯއިން ބުނީ ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތާ ހޯދުންތަކަށް ބަލާއިރު މާސްކްއަކީ އިންފެކްޝަން ފެތުރުމުގެ ގާބިލިކަން ލިބިފައިވާ ތިކިތަކުން އިންސާނ ސަލާމާތްކޮށްދިނުމަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ދިނުމުގެ ގާބިލުކަން ލިބިފައިވާ އާލާތެއްކަން ސާބިތުވެއެވެ.

ދުނިޔޭގެ އަދުގެ ހާލަތަށް ބަލާއިރު އާންމު ތަންތަނަށް ނިކުންނައިރު މާސްކު ބޭނުން ކުރުން މަޖުބޫރު ކޮށްފައި ވަނީ ބައެއް ގައުމުތަކުގައެވެ. ޑަބްލިއުއެޗްއޯއިން މީގެ ކުރިންވަނީ، ދުޅަހެޔޮ ހާލުގައި ތިބި މީހުން މާސްކު ބޭނުން ކުރަން ޖެހޭ ކަމަށް ބާރުދޭ ހެކި، އެކަށީގެންވާ މިންވަރަށް ނެތް ކަމަށް ވަކާލާތު ކޮށްފައެވެ.

އިންޑޮނޭޝިއާގެ ބަންޑާ އަޗޭ ސަރަހައްދުގެ ބާޒާރެއްގައި މާސްކެއް އަޅައިގެން ހިނގާފާ ދާ އަންހެނެއް/ފޮޓޯ: ގެޓީ އިމޭޖަޒް

ރޮއިޓާޒް ނިއުސް އޭޖެންސީއަށް ދެއްވި ބަސްދީގަތުމެއްގައި ޑަބްލިއުއެޗްއޯއިގެ ކޮވިޑް-19އާ ގުޅޭ އިސްތަޖުރިބާކާރު އަދި ޓެކްނިކަލް ލީޑް ޑރ މާރިއާ ވެން ކެރްޚޯވް ވިދާޅުވީ، ޑަބްލިއުއެޗްއޯގެ އިރުޝާދަކީ ބަލި ފެތުރިދާނެ ކަމުގެ ނުރައްކާ އޮތް ތަންތަނަށް ގޮސް ހަދާއިރު އާންމުން ފޮތި މާސްކު ބޭނުންކުރުން ކަމަށާ، އެއީ ސިއްހީ ގިންތީގައި ގުނާ މާސްކުގެ ވާހަކަ ނޫންކަމަށެވެ.

ޑަބްލިއުއެޗްއޯއިން ވަކާލާތުކުރާ ގޮތުގައި ސިއްހީ ގިންތިއަށް ފެތޭ މާސްކުތަކަކީ ސިއްހީ ހިދުމަތްތެރިންނާ، ކޮވިޑް-19ގެ ޕޭޝަންޓުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުން ބޭނުންކުރަން ހުންނަ މާސްކްއެވެ.

ޑރ ވެން ކެރްޚޯވް ވިދާޅުވީ، އާންމު ތަންތަނަށް ނިކުމެ އުޅޭއިރު މާސްކު ބޭނުން ކުރުމަށް އާންމުންނަށް ހިތްވަރު ދިނުމަށް ސަރުކާރުތަކަށް ޑަބްލިއުއެޗްއޯއިން އިރުޝާދު ދޭ ކަމަށެވެ.

ލުބްނާނުގައި ކާރު ދުއްވަން އިން މީހަކު އަތް ސެނިޓައިޒް ކުރަނީ/ފޮޓޯ: ސޯޝަލް ނިއުސް އެކްސްވައިޒީ

މާސްކު ބޭނުން ކުރުމަކީ ކޮވިޑް-19އިން ފުރިހަމައަށް ދިފާއު ކޮށްދޭނެ ކަމެއް ނޫންކަމަށާ، ނަމަވެސް އެއީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ބޭނުންކުރެވިދާނެ އާލާތްތަކުގެ ތެރެއިން އެއް އާލާތް ކަމަށާ، މާސްކް ބޭނުން ކުރުމަކީ ބަލިން ދިފާއުވީ ކަމުގެ ކުށް ހީ އުފައްދަނިވި ކަމެއް ކަމަށް ޑަބްލިއުއެޗްއޯއިންވަނީ އިންޒާރުގެ ރޫހެއްގައި އިރުޝާދުކޮށްފައެވެ.