ރައްޔިތުންގެ މަޖިލީހުގެ ގަައުމީ ތަރައްގީގެ ކޮމިޓީގައި ބޯހިޔާ ވަހިކަމަށް ދޫކުރާ 7000 ފްލެޓް ޖުލައި މަހު ދޫކުރެވޭ ކަމަށް ހައުސިން މިނިސްޓަރަށް ވިދާޅުވެވުނީ އޮޅުމަކުން ކަމުގައި އެމިނިސްޓްރީން ބުނެފިއެއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެ އޮތް ކޮމިޓީ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، 7000 ފްލެޓް ޖުލައިގައި ހަވާލު ކުރެވޭ ވަރު ވާނެ ކަމަސށް ވިދާޅުވި ނަމަވެސް، ކުރިން ފައިނަލް ލިސްޓް އާންމުކުރަން ބުނި ތާރީހުގައި އެކަން ކުރެވިފައި ނުވާ ކަމަށާއި، ގޭގެއަށް ގޮސް ހަދަން ޖެހޭ އެސެސްމަންތްތައްވެސް ނިންމިފައި ނުވާ ކަމަށެވެ.

އެހެން ކަމުން މިހާރު ނިންމާފައި އޮތީ، ކޮވިޑާ ގުޅިގެން އޮތް ލޮކްޑައުންގެ މުއްދަތު ނިމުމާއެކު ގޭގެއަށް ގޮސް ހަދަން ޖެހޭ އެސެސްމަންޓުތައް ފަށާ، ނިންމުމަށް ފަހު ލިސްޓު އިއުލާނު ކުރާ ގޮތަށް ކަމަށެވެ.

ބޯހިޔާވަހި ކަމަކީ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ސަރުކަރުން ފެށިގެން ދިވެހިންނަށް ދިމާވެފައި އޮންނަ ހައްލު ނުލިބޭ އެންމެ ބޮޑު އެއް މައްސަލައަށް ވާއިރު، ނިމިދިޔަ ރައީސް ޔާމީނުގެ ސަރުކާރުގައި އަޅާ ދައުރުގެ ފަހު ކޮޅު ކުއްލިއަކަށް ހަވާލު ކުރަން ރޭވި 7000 ހައުސިން ޔުނިޓް ވަނީ ހިނގަމުން ދާ ސަރުކާރުގައިވެސް އަދި ހަވާލު ކުރެވޭ ގޮތް ނުވެފައެވެ.

ސަރުކާރުން ފްލެޓް ތައް ދިނުމުގައި އަބަދުވެސް ކޮރަޕްޝަން އެކުލެވޭ ކަމުގެ ޝަކުވާ އާންމުން ކުރަމުން އަންނަ އިރު، ޕޮއިންޓް ދީފައި ހުންނަ ގޮތްތަކާއި، ތިން ހަތަރު ބުރަށް ފޯމު ލީ ބައެއް މީހުންނަށް އެކި ފަހަރު އެކި ވަރަށް ޕޮއިންޓް ދިނުން ފަދަ އެތައްކަމެއް ހިނގާފައި ވާކަން މީޑިއާގައި ވަނީ ހާމަވެފައެވެ.

ބޯހިޔާވަހިކަމަކީ ސަރުކާރުގެ ވައުދަކަށް ވާއިރު، މިއަހަރު ފެބްރުއަރީ 3، 2020 ގައި ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ހިޔާ މަޝްރޫއުގެ 17189 ފޯމެއް ސްކްރީން ކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ކުރެވެމުން ދާ ކަމަށެވެ. އަދި ޖުމްލަ، 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ހައްގުވާ މީހުންގެ ލިސްޓްތައް އިއުލާން ކުރުމަށް ތައްޔާރުވެފައި އޮތް ކަމަށްވެސް އޭރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވާ 20،000 އެއްހާ މީހުން ތިބިކަން ފާހަގަ ކޮށް ސަރުކާރުން ވަނީ 7000 ޔުނިޓެއްގެ ބިންގާ އަޅާނެ ކަން އިއުލާން ކޮށްފައެވެ. އެ 7000 ޔުނިޓުގެ ތެރޭގައި ހިމެނޭ 4000 ޔުނިޓަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ބިންގާ އަޅަން ތައްޔަރުވަމުން ދިޔަ ޔުނިޓު ތަކެކެވެ. އެފަހުން މިއަހަރުގެ ފެބްރުއަރީ މަހު އޮތް "ސްޓްރީޓް ސްކޭޕިން" މަޝްރޫއުގައި ވާހަކަ ދައްކަވަމުން 3000 ޔުނިޓެއްގެ ބިންގާ އަޅުއްވާނެ ވާހަކަ ރައީސް އޮތީ ވިދާޅުވެފައެވެ.

އެ މަޝްރޫއު އަދި ފެށިފައި ނުވި ނަމަވެސް، މާޗް 10، 2020 ގައި މި ސަރުކާރުގެ ފުރަތަމަ ހައުސިން މަޝްރޫގެ 1700 ޔުނިޓެއް ބިންގާ ވަނީ އަޅާފައެވެ. "ފަސްޓް ޓައިމް ހޯމް ބަޔާސް" އަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި ކުރިއަށް ގެންދާ މިމަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 1700 ހައުސިން ޔުނިޓްގެ 11 ޓަވަރުގެ 15 އަދި 16 ބުރީގެ އިމާރަތްތަކެއް ހަދާނެ ކަމަށް އޮތީ ބުނެފައެވެ.