މިއަދު ކުރިމަތިލާން ޖެހިފައި ވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ކުރަމުންދާ އަސަރުތަކާއި އެކަމަށް ދިން އިޖާބަ އަންގައި ދެނީ ދިވެހިރާއްޖޭގެ ލޭބާ ގަވަނަންސްއާ ގުޅުން ހުރި މުއައްސަސާތަކާ ސިޔާސަތުތަކުގައި ބަލިފައިތަކެއް ހުރިކަން ކަމަށް މިނިސްޓްރީ އިކޮނޮމިކް ޑިވަލޮޕްމަންޓްއާއި ޔުނައިޓަޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން އެކުލަވާލި ދިރާސާ ރިޕޯޓެއް ބުނެފިއެވެ.

ޔޫއެންޑީޕީ މޯލްޑިވްސްގެ ވެބްސައިޓްގައި، "ރެޕިޑް ލައިވްލިހުޑް އެސެސްމަންޓް އިމްޕެކްޓް އޮފް ދަ ކޮވިޑް-19 ކްރައިސިސް އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ މިކަމާ ގުޅިގެން ފުޅާދާއިރާއެއްގައި ކުރިއަށް ގެންދާ ދިރާސާގެ ފުރަތަމަ މަރުހަލާގެ އެސެސްމަންޓެވެ.

މިއީ ކޮން ދިރާސާއެއް؟

ކޮވިޑް-19ގެ ސަބަބުން ވާޒީފާގެ ބާޒާރުގައި އުފެދިފައިވާ ކާރިސީ ހާލަތުގެ ތެރެއިންވެސް މި ދިރާސާގެ ފުރަތަމަ މަރުހަލާ ހާއްސަ ކޮށްފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާގެ ބާޒާރަށެވެ. އެހެނީ މި ސިނާއަތަކީ ރާއްޖޭގައި އެންމެ ވަރުގަދަ ސިނާއަތަށް ވުމުގެ އިތުރުން އެންމެ ގިނަ އަދަދެއްގެ ބަޔަކުވެސް ވަޒީފާ އަދާކުރަމުން ދާ ސިނާއަތަށް ވުމެވެ. ހަމަ މިއާއެކު، ފަތުރުވެރިކަމުގެ ސިނާއަތަކީ ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ކުރިމަތި ވެގެން އައި އިގުތިސޯދީ ކާރިސާގެ އަސަރު އެންމެ ހާމަކަން ބޮޑު ގޮތެއްގައި ހުށަހެޅުނު ސިނާއަތް ކަންވެސް ދިރާސާ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

އަނަންތަރާ ކިހަވައް ރިސޯޓް

ދިރާސާގެ ހޯދުންތައް

އިގުތިސޯދީ ނަޒަރަކުން ބަލާކަމަށް ވަނީނަމަ ދިވެހިރާއްޖެ ބަރޯސާވެފައި އޮތް ހަމައެކަނި ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް-19ގެ ކޭހެއް ރާއްޖެއިން ފުރަތަމަ ފެނުނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. މިކަންވެސް ގުޅުނީ ފަތުރުވެރިކަމާއެވެ. މިއާއެކު ދިވެހިރާއްޖޭގެ ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅުއްވާ، ރައްޔިތުންގެ ފުރާނަ އިސްކޮށް، އޭޕްރިލް މަހާ ހިސާބަށް އާދެވުނުއިރު އޮންއަރައިވަލް ވިސާ ހުއްޓާލެވުނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަންފީޒުކުރަމުންދާ ފިޔަވަޅުތަކާއެކު މިއަހަރު ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ނިސްބަތް 50 ޕަސެންޓް ދަށަށް ދާނެ ކަމަށްވެސް އޮތީ ލަފާކޮށްފައެވެ. ރާއްޖޭގެ އިގުތިސޯދީ އުފެއްދުންތެރިކަމުގެ ނިސްބަތްވެސް ދަށަށް ދާނެ ކަމަށް ލަފާކޮށްފައިވާއިރު، ދައުލަތުގެ އާމްދަނީއަށްވެސް ލޮޅުން ނާރާ ނުދާނެކަން ގަބޫލުކުރަންޖެހެއެވެ.

އިކޮނޮމިކް މިނިސްޓްރީއާއި ޔޫއެންޑީޕީ ގުޅިގެން އެކުލަވާލި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މުޅިން ހުއްޓާލާފައިވާއިރު އެކަމުގެ ސަބަބުން ފަތުރުވެރި ސިނާއަތުގެ މުވައްޒަފުންގެ ވަޒީފާއާއި، އެފަދަ ފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ހާލަތުގެ އިތުރުން، މިކަމުގެ ސަބަބުން އެ މުވައްޒަފުންގެ އާއިލާތަކާ މުޖުތަމަށް ކުރަމުންދާ އަސަރުތަކަށެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް އަސަރުތައް

ކޮވިޑް-19ގެ ނޭދެވޭ އަސަރުކުރި ދިވެހި މުވައްޒަފުންގެ އަދަދު 22000 އަށް އަރާ: މީގެ އިތުރުން ތާޑް-ޕާޓީ އުސޫލުން ރިސޯޓްތަކާ ގުޅުންހުރި މަސައްކަތް ކުރަމުންދިޔަ އެތައް ސަތޭކަ ބަޔަކަށްވެސް މިކަމުގެ އަސަރު ވަނީ ފޯރާފައެވެ. އެގޮތުން ރިސޯޓްތަކުގައި ގަސްއިންދާ ހެއްދުމާ މެއިންޓަނަސް މަސައްކަތް ކުރުން ފަދަ އައުޓްސޯސް މަޝްރޫއުގެ މުވައްޒަފުންނަށްވެސް ސީދާ އަސަރު ވަނީ ފޯރާފައެވެ.

ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ

ކޮވިޑް-19ގެ ސީދާ އަސަރު މުވައްޒަފުންނަށް ކުރީ މައިގަނޑު 3 ގޮތަކަށް: ރިސޯޓް މެނޭޖްމަންޓް ސާވޭއާ ހަވާލާދީ ރިޕޯޓް ބުނާ ގޮތުގައި 16 ޕަސެންޓް މުވައްޒަފުންވަނީ ވަޒީފާއިން ވަކިކުރެވިފައެވެ. 84 ޕަސެންޓް މުވައްޒަފުންގެ ވަޒީފާ ނުގެއްލޭ ގޮތަށް އޮތް ނަމަވެސް އެމީހުންނަށް ދެމުން އައި މުސާރަ ވަނީ ކުޑަކޮށްފައެވެ. ސަރުކާރުން ގާއިމުކުރި ކުރި ޖޮބް ސެންޓަރުގެ ރެކޯޑްތަކަށް ބަލާއިރު ދިރާސާގެ މުއްދަތަށް ލޮގްކޮށްފައިވާ 724 ކޭހުގެ ތެރެއިން 16 ޕަސެންޓްއަކީ ވަޒީފާ ގެއްލިގެން ރިޕޯޓްކުރި ކޭސްތަކެވެ. 49 ޕަސެންޓް މީހުންނަކީ ނޯ-ޕޭ އުސޫލުން ވަގުތީ ގޮތުން ވަޒީފާއިން ދުރުކުރެވުނު (ރިޓެއިންޑް) މުވައްޒަފުންނެވެ. އަނެއް 35 ޕަސެންޓް މުވައްޒަފުންނަކީ ކުޑަ މުސާރައަކާއެކު ވަޒީފާއިން އެކަހެރި ކުރެވުނު މީހުންނެވެ.

ޖޮބް ސެކިއުރިޓީ ނުވަތަ ވަޒީފާގެ ކަށަވަރުކަމުގެ ގިންތިން ބަލާއިރު ގިނަ މުވައްޒަފުންގެ ވަޒީފާ ކަށަވަރުވެފައިވަނީ މިހިނގާ ޖޫން މަހުގެ ނިޔަލަށެވެ. ވަޒީފާ ގެއްލުމާ ރިޑަންޑަންސީގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ޕްރޮބޭޝަން ކޮންޓްރެކްޓްގައި ތިބި މުވައްޒަފުންނާ، ޒުވާން އުމުރުފުރައިގެ މުވައްޒަފުންނަށްކަންވެސް ދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރިސޯޓްތަކުގައި ފްރީލާންސް އުސޫލުން މަސައްކަތްކުރާ ފަރާތްތަކާ، ސީޒަން އުސޫލުން މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ދެ ފަރާތުގެ އެއްބަސްވުމުގެ ދަށުން މިފަދަ މަސައްކަތްތައް މިވަގުތަށް މަޑުޖައްސާލާފައިވާއިރު، ނުރަސްމީ މަސައްކަތުގެ އަހުލުވެރިންނަށް މިކަމުގެ ނޭދެވޭ އަސަރު، ސީދާ ގޮތުން ވަނީ ފޯރާފައެވެ. މީގެ ތެރޭގައި މުނިފޫހިފިލުމުގެ ދާއިރާގެ މަސައްކަތްތެރިންނާ، އޮޑިދޯނިފަހަރު އޮޕަރޭޓްކުރާ ފަރާތްތައްވެސް ހިމެނެއެވެ.

މުސާރަ އުނިވާ ގޮތަށް ވަޒީފާ ކަށަވަރުވި މުވައްޒަފުންނަށްވެސް މަހެއްގެ މައްޗަށް 600-1000 އެއްހާ ޑޮލަރު އުނިވަމުން އަންކަން ފާހަގަކޮށްފައިވެއެވެ. އޭޕްރިލް މަހާ ޖޫން މަހާ ދެމެދު ހޭދަވާ މުއްދަތުގައި އާދައިގެ ވަޒީފާތަކުގައި ތިބި މީހުންނަށް މަހެއްގެ މައްޗަށް އެވަރޭޖްކޮށް ޖެހޭނީ ގާތްގަނޑަކަށް 5000 ރުފިޔާކަންވެސް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ.

ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓް / ފޮޓޯ: ސޯޝަލް މީޑިއާ

މިފަދަ އެތައް ކަމެއްގެ އަސަރު ނުސީދާ ގޮތުން ފޯރަމުންދަނީ ރިސޯޓް ވަޒީފާގައި އުޅޭ/އުޅުނު މީހުންގެ އާއިލާތަކަށެވެ. މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެ، ބައެއް މުވައްޒަފުން ކުރިން ރައްކާކުރި ފައިސާ ކޮޅު މުޅިންހެން ހުސްވީއެވެ. ބައެއް މީހުން އާއިލާއާއިއެކު މާލެ ދޫކޮށް ރަށަށް ބަދަލުވެއްޖެއެވެ. ކަންމިހެން އޮތް ނަމަވެސް، އާއިލާއާއި ރަމަޟާން މަސް ހޭދަކޮށްލަން ލިބުމުގެ އުފާ ހިއްސާކުރާ މުވައްޒަފުންވެސް ތިބިކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރާ ވަޒީފާދޭ ފަރާތްތަކަށް މުހިންމު ގޮވާލުންތަކެއް

ކޮވިޑް-19ގެ ސަބަބުން ކުރިމަތިލާންޖެހިފައިވާ ނެދޭވޭ އަސަރުތައް ދިގުލައިގެންދާނެ ކަމަށް ބެލެވޭއިރު މިމައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ސަރުކާރާ ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާ މެދު ސީދާ މަޝްވަރާތައް ކުރިއަށް ގެންގޮސް، ނޭދެވޭ އަސަރުތަކުން އަރައިގަނެވޭނެ މަގުތައް ހޯދުމަށް ދިރާސާ ރިޕޯޓް ގޮވާލައެވެ.

ކޮވިޑް-19ގެ އެންމެ ސީރިއަސް މަރުހަލާތައް ކަޑަތުކޮށް، 'ނިއު ނޯމަލް'ގެ ދަށުން ގައުމު ހުލުވާލާއިރު ރިސޯޓްތައް އޮޕަރޭޓްކުރާ އާ މޮޑެލްއަކީ ވަޒީފާގެ އިތުރު ފުރުސަތުތަކެއް ފަހިކޮށްދޭނެ މޮޑެލްއެއްކަން ކަށަވަރު ކުރުމަށްވެސް މި ދިރާސާ އިރުޝާދުދެއެވެ. އެގޮތުން ސިއްހަތާ ސަލާމަތްތެރިކަން ކަށަވަރުކުރާނެ އޮފިސަރުން އައްޔަންކުރުމާ، ސައިޓް މޮނިޓާ ކުރާނެ ފަރާތްތަކެއް ކަނޑައެޅުމުގެ އިތުރުން ލޮކޭޝަންއިން ބޭރުގައި އިދާރީ މަސައްކަތްތައް ވާޗުއަލް ޕްލެޓްފޯމްއެއްގައި ކުރެވޭނެ އިންތިޒާމުތަކަށް ބުރަވުން ފަދަ އިރުޝާދުތައް މި ރިޕޯޓްއިންވަނީ ދީފައެވެ.

ސެންޓާރާ ގްރޭންޑް ރިސޯޓް

ފަތުރުވެރިކަމުގެ ސިނާއަތް އަލުން ހިންގައިގަނެވިގެން އަންނާނެ ދުވަހެއް އިންތިޒާރުގައި މުވައްޒަފުން ތިބޭއިރު ބިނާކުރަނިވި ފުރުސަތުތަކެއް ފަހިކޮށްދިނުމަށްވެސް މި ދިރާސާ ބާރުއަޅައެވެ. އެގޮތުން އަމިއްލަ ނަފުސުގެ ތަރައްގީއާއި ހުނަރާ މަސައްކަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރުމަށް މި ދިރާސާ ބާރުއަޅައެވެ.

ލޭބާ ގަވަނަންސް އިސްލާހުކުރުން

ކޮވިޑް-19ގެ ކާރިސާ އަންގައިދިން އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގައި ލޭބާ ގަވަނަންސް އިސްލާހު ކުރަންޖެހިފައިވާކަމެވެ. އަދި ލޭބަރުން ނުވަތަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ކުރިމަތިވާ މައްސަލަތަކަށް އިޖާބަދީ އެކަންކަން ހައްލުކުރުމަށްޓަކައި މިކަމާ ގުޅުން ހުރި މުއައްސަސާތަކާ އިދާރާތައް އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާކަމެވެ. މިމޭރުމުން އިސްލާހުކުރަން ފެންނަކަމަށް ލަފާދީފައިވާ ބައެއް ކަންކަމުގެ ތެރޭގައި:

  • ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ)އިން ލޭބަރުން (މަސައްކަތްތެރިން) ގެ ހާލަތު ވިލަރެސްކުރަމުންދާނެ އުސޫލު ހަރުދަނާކުރުން
  • ތާޑް-ޕާޓީ އުސޫލުން ރިސޯޓްތަކުން ދޫކުރާ މަޝްރޫއުތަކުގައި ބައިވެރިކުރާ ބިދޭސީ މަސައްކަތްތެރިންނަކީ ގާނޫނީ އިމުގެ ތެރެއިން ސައްހަ ހުއްދަތަކާއެކު މަސައްކަތްކުރާ ފަރާތްތަކެއް ކަން ކަށަވަރު ކުރުމަށްޓަކައި ތާޑް-ޕާޓީ ލޭބާ ކޮންޓްރެކްޓްތައް ހަރުދަނާކުރުން
  • މަސައްކަތްތެރިންގެ ވަގުފާރި ހުއްޓުވުމަށް ގާނޫސީ އިސްލާހުތައް ގެނައުމާ މުއައްސަސާތަކުގެ ފެންވަރުގައި ކެޕޭސިޓީ އިތުރު ކުރުމަށް ކުރަންޖެހޭ ކަންކަމަށް ރިއާޔަތް ކުރުން
  • މަސައްކަތްތެރިންގެ ބާޒާރާ ގުޅުން ހުރި ކަންކަން ހަރުދަނާކޮށް ސަޕޯޓް ސިސްޓަމްތައް ގާއިމުކުރުން
  • ވަޒީފާ އަދާކުރާ މީހުންގެ މައުލޫމާތު، އެއް އިދާރާއެއް މެދުވެރިކޮށް އެއްކޮށް ޖަމާކުރުން
  • ސަރުކާރުން ގާއިމުކޮށްފައިވާ ޖޮބްސެންޓަރަކީ އިތުރަށް ތަރައްގީކޮށް ކުރިއަށް އޮތް ތަނުގައިވެސް ވަޒީފާ ނެތް މީހުން ޓްރެކް ކުރުމަށް ބޭނުންކުރާނެ ދާއިމީ ނިޒާމަކަށް ހެދުން
  • ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ ވަޒީފާ ހޯދާދިނުމަށާ، ވަޒީފާއާއި ގުޅޭ އިރުޝާދާ ލަފާ ދޭނެ ނިޒާމެއް ގާއިމުކުރުން
  • މަސައްކަތްތެރިންގެ ހައްގުތަކަށް އެޑްވޮކޭޓް ކުރާނެ ފަރާތްތައް އިތުރުކުރުން
  • ވަޒީފާގެ ބާޒާރުގެ ހިދުމަތްތަކާއެކު އިޖުތިމާއީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުން
  • ގައުމީ ފެންވަރުގައި ތަފާސް ހިސާބުތައް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކޮށް، މިކަމަށް ބާރުދޭ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުން ފަދަ ކަންކަން ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓަރު އިސްމާއިލް ފައްޔާޒު

ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން މިއަހަރުގެ މާޗް މަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކާ ހަވާލާދީ، މިނިސްޓްރީ އިކޮނޮމިކް ޑިވަލޮޕްމަންޓްއާއި ޔުނައިޓަޑް ނޭޝަންސް ޑިވަލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގުޅިގެން އެކުލަވާލި ދިރާސާ ރިޕޯޓް ބުނާ ގޮތުގައި، މިވަގުތު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 946 އެސްޓެބްލިޝްމަންޓްއެއް އެބައޮތެވެ. އޭގެ ތެރޭގައި 155 ރިސޯޓް، 13 ހޮޓާ، 622 ގެސްޓް ހައުސް އަދި 156 ސަފާރީ ހިމެނެއެވެ.